އިޓާލިއަން ލީގުގައި އޭސީ މިލާނަށް ކުޅެމުން އަންނަ އޮލިވިއާ ޖިރޫޑް އެންމެ ފަހުން ޖެނޯއާ މެޗުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ހަފުތާގެ މޮޅު 11 ގައި ހިމެނިއްޖެއެވެ.
ފްރާންސްގެ ހުނަރުވެރި ސްޓްރައިކަރު، ޖިރޫޑް ލީގުގެ ޓީމް އޮފް ދަ ވީކަށް ހޮވުނީ އޭނާ އާއްމުކޮށް ޖަހައި ހިތްގައިމު ގޯލުތަކުގެ ސަބަބުންނެތް ނޫނެވެ. އެކަމަކު ޖެނޯއާ މެޗުގައި ކީޕަރެއްގެ ގޮތުގައި ކުޅެ އޭނާ ދެއްކި ތަފާތު މޮޅު ކުޅުމުގެ ސަބަބުންނެވެ.
ޖިރޫޑް ގޯލަށް އަރަން ޖެހުނީ، މެޗުގެ އިތުރު ވަގުތުގެ އަށްވަނަ މިނިޓުގައި މިލާންގެ ގޯލްކީޕަރު މައިކް މައިނާން އަށް ރެފްރީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އޭގެ ފަސް މިނިޓް ފަހުން ރެފްރީ ވަނީ ޖެނޯއާގެ ގޯލްކީޕަރު ޖޯސެފް މާޓިނޭޒް އަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑު ދައްކައިފަ އެވެ.
މިލާނުން މެޗުން ތިން ޕޮއިންޓް ޔަގީން ކުރީ، އިތުރު ވަގުތުގެ 15 ވަނަ މިނިޓުގައި ޖޯޖް ޕުސްކަސް ފޮނުވާލި ހަމަލާ ދިފާއު ކޮށްގެންނެވެ. މައިނާންގެ ޖޯޒީ އާއި އަންގި އަޅައިގެން ގޯލަށް އެރި ޖިރޫޑް ވަނީ ހުށިޔާރު ކަމާއެކު އެ ބޯޅަދިފާއުކޮށް އަތަށް ނަގައިފަ އެވެ.
މިލާނުން މެޗުގައި ޖެހި ހަމައެކަނި ގޯލު 87 ވަނަ މިނިޓުގައި ޖަހައިދިނީ ކްރިސްޓިއަން ޕުލިސިކް އެވެ.
އެ މެޗުގައި ޖިރޫޑް ދެއްކި ކުޅުމާއެކު އިޓާލިއަން ލީގުގެ ހަފުތާގެ މޮޅު އެގާރައިގެ ލިސްޓަށް އޭނާ ވަނީ އަރައިފައެވެ. މީގެ އިތުރުން މިލާނުން ވަނީ ޖިރޫޑްގެ ކީޕަރެއްގެ ގޮތުގައި ސްކޮޑުގައި ހިމަނައިފައެވެ. ފްރާންސްގެ ތާރީހުގައި ވެސް އެންމެ ގިނަ ގޯލު އެ ޓީމަށް ޖަހައިދިން ޖިރޫޑް އަންނަނީ މިލާނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
އޭސީ މިލާން ލީގުގައި މިހާތަނަށް ބަލިވެފައި އޮތީ ހަމައެކަނި އިންޓަ އަތުންނެވެ. ސެން ސީރޯ ސްޓޭޑިއަމްގައި ކުޅުނު އިންޓަގެ ހޯމް މެޗުގައި މިދިޔަ މަހު އެޓީމުން މިލާން ބަލިކުރީ 5-1 އިންނެވެ.