އެމެރިކާގެ އިންޓަ މައިއެމީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އަނެއްކާވެސް އެނބުރި ބާސެލޯނާއަށް ގޮސްދާނެ ކަމުގެ އަޑުތައް އަނެއްކާވެސް ގަދަވާން ފަށައިފިއެވެ.
އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) ގެ ޕްލޭއޮފަށް ކުރި މަސައްކަތް މައިއެމީއަށް ވަނީ އެންމެ ފަހުން އަމިއްލަ ދަނޑުގައި ސިންސިނާޓީ އެފްސީ އަތުން ބަލިވުމާއެކު ނާކާމިޔާބުވެފައެވެ. އެހެން ކަމުން މި މަހު ކުޅެން ހުރި މެޗުތައް ނިމުމާއެކު މައިއެމީއަށް އެ ލީގު ނިމެންދެން ބޮޑު ބްރޭކެއް ލިބޭނެއެވެ. އެއާއެކު އަންނަ ފެބްރުއަރީގައި އައު ސީޒަން ފަށަންދެން އެ ކުލަބުގެ ކުޅުންތެރިންނަށް މާގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތެއް ނުލިބޭނެއެވެ.
ލީގުގެ ފުލުގައި ސީޒަނުގެ ބޮޑުބައި އޮތުމަށްފަހު މެސީ އެކުލަބާ ގުޅުނު ފަހުން މައިއެމީއިން މޮޅުވުމުގެ ސިލްސިލާއެއްގައި އޮތް ނަމަވެސް މެސީއަށް މިފަހުން ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް ވަނީ ހަތަރު މެޗު ގެއްލިފައެވެ. އެ މެޗުތަކުގެ ތެރެއިން މައިއެމީއަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އެހެން ކަމުން ސިންސިނާޓީ މެޗަށް ނުކުތް އިރު އޮތީ މައިއެމީއަށް އިންތިހާއަށް ޕްރެޝަރު ބޮޑުވެ މޮޅުވާން މަޖުބޫރުވެފައެވެ.
އެކަމަކު މެސީގެ ފިޓްނަސް މައްސަލައާހުރެ އެ މެޗުވެސް އޭނާ ފެށީ ބެންޗުންނެވެ. އެ މެޗުގެ ދެވަނަ ހާފުގެ ތެރޭގައި މެސީ ކުޅެން ނުކުތް ނަމަވެސް ސިންސިނާޓީން ފުލުފުލުގައި އުފެއްދި ހަމަލާތައް ނުހުއްޓުވި އެ ޓީމުން ވަނީ މެޗުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
އެ މެޗުގެ ނަތީޖާއަށްފަހު މައިއެމީއަށް ޕްލޭއޮފް ގެއްލިގެން ދިޔައިރު، އަންނަ ފެބްރުއަރީގެ ނިޔަލަށް މެސީ އެނބުރި ބާސެލޯނާއަށް ގޮސްދާނެ ކަމަށް ވާހަކަތައް ވަނީ ފެތުރިފައެވެ. އެވާހަކަތަކަށް މައިއެމީގެ ކޯޗު ޓާޓާ މާޓީނޯވެސް ވަނީ ރައްދު ދީފައެވެ. އޭނާ ބުނީ މެސީ ބާސެލޯނާއަށް ދިއުން އެއީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ. އެކަމަކު އޭނާއަށް ދެވޭނީ ލޯނު އެއްބަސްވުމެއްގެ ދަށުން ކަމަށް އޭނާ ބުންޏެވެ.
މިދިޔަ ސީޒަނަށްފަހު ފްރާންސްގެ ޕީއެސްޖީ ދޫކޮށް މެސީ ބާސެލޯނާއާ ގުޅޭނެ ކަމަށް ގިނަބަޔަކު ތިބީ ގަބޫލުކޮށްގެންނެވެ. އެހެން ނަމަވެސް އަމިއްލަ ސަބަބުތަކަށްޓަކައި މެސީއަށް ބާސެލޯނާއިން ކޮށްފައި އޮތް ހުށައެޅުން ދޫކޮށް އޭނާ މައިއެމީއާ ގުޅޭކަން ވަނީ އިއުލާން ކޮށްފައެވެ.