ދެ ގަޑިއިރާއި 35 ސިކުންތުން ބޭންކް އޮފް ޗިކާގޯ މެރަތަން ނިންމާ ކެންޔާގެ ކެލްވިން ކިޕްޓުމް، އެ ގައުމަށް ނިސްބަތްވާ އެލިއުޑް ކިޕްޗޯގް ހަދާފައިވާ މެރަތަންގެ ވޯލްޑް ރެކޯޑް މުގުރާލައިފިއެވެ.

އުމުރުން 23 އަހަރުގެ ކިޕްޓުމް މިއަދު އެމެރިކާގައި އޮތް ޗިކާގޯ މެރަތަން ނިންމީ 2:00:35 (ދެ ގަޑިއިރާއި ތިރީސް ފަސް ސިކުންތު) އިންނެވެ. އެއާއެކު އޭނާ ވަނީ މިދިޔަ އަހަރުގެ ބާލިން މެރަތަންގައި އެލިއުޑް ހަދާފައިވާ 2:01:09 (ދެ ގަޑިއިރާއި އެއް މިނަޓް ނުވަ ސިކުންތު) ގެ ރެކޯޑް މުގުރާލައިފައެވެ.

މިއަހަރު އޮތް އެންމެ ޝަރަފުވެރި މެރަތަން، ލަންޑަން މެރަތަން ވެސް ކާމިޔާބުކުރި ކިޕްޓުމް އެ މެރަތަން ނިންމީ 2:01:25 (ދެ ގަޑިއިރާއި އެއް މިނަޓު ފަންސަވީސް) ސިކުންތުންނެވެ. އެ މެރަތަންގައި އޭނާ ހޯދި އެ ކާމިޔާބީއަކީ ދެވަނައަށް އެންމެ އަވަހަށް މެރަތަން ނިންމި ދުވުންތެރިޔާގެ ޝަރަފެވެ. އަދި އޭގެ ހަ މަސް ފަހުން އޭނާ މިވަނީ އެއްވަނައަށް އަރައިފައެވެ.

މިއަދުގެ މެރަތަންގައި ދެގަޑިއިރާއި ސިކުންތުކޮޅެއްގެ ކިޕްޓުމް ރޭސް ނިންމި އިރު، އޭނާއާއި އެންމެ ގާތުން ދެން ވާދަކުރި ބެންސަން ކިޕްރުޓޯ އަށް ރޭސް ނިންމުނީ ދެގަޑިއިރާއި ހަތަރު މިނަޓުންނެވެ. ތިންވަނައަށް ދިޔަ ބަޝީރު އަބްދީއަށް ވެސް ދެ ގަޑިއިރުން ރޭސް ނިންމި އިރު، އޭނާއަށް ނިންމުނީ ސިކުންތުކޮޅެއް ފަހުންނެވެ.

މިއަދުގެ މެރަތަންއަށްފަހު ކިޕްޓުމް ބުނީ މެރަތަންއަށް ނުކުތީ ދުނިޔޭގެ ރެކޯޑް މުގުރާލަން ނޫން ކަމަށާއި، އެކަން ހާސިލް ކުރެވުމުން އުފާކުރާ ކަމަށެވެ. އަދި ކުރިންވެސް މި ރެކޯޑް ކޮންމެވެސް ދުވަހަކުން މުގުރާލެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އޭނާ ވަނީ ބުނެފައެވެ.