އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިނިވަންކުރަން އަދާލަތު ޕާޓީން ގޮވާލައިފިއެވެ.

އެ ޕާޓިން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިނިވަންކުރުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވިއްސިވިހާލިވެފައިވާ ފަލަސްތީނުގެ ރައްޔިތުން އަނބުރާއެމީހުންގެ ވަޒަނަށް ރުޖޫއަވެ، ފަލަސްތީނު ރައްޔިތުންނަށް ހައްގުވާ އެމީހުންގެ އަމިއްލަ ވަޒަނުގައި އެމީހުން އެދޭގޮތަށް ދައުލަތެއް ގާއިމުކޮށް އެދައުލަތުގެ ހިޔާވަހިކަން ލިބުމުގެ ހައްގު ހޯދައިދިނުމަށް އަދާލަތު ޕާޓީން ތާއަބަދު ގޮވާލާ ގޮވާލުން ތަކުރާރުކުރާ ކަމަށެވެ.

''ޞަޙްޔޫނީ ބާރުތަކުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގެ ޣައިރު ޤާނޫނީ ވަޒަންވެރިންނާއި ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު ހަނގުރާމަ ހިނގަމުންދާ މިދަނޑިވަޅުގައި، އަލްމަސްޖިދުލު އަގްސާ އާއި ފަލަސްތީނުގެ އަހުންނާ އުހުތުންނާ ދެކޮޅަށް ޞަޙްޔޫނީ ބާރުތަކުން ހިންގަމުންގެންދާ އަނިޔާވެރި ޢުދުވާނުގައި މުސްލިމުންނަށް ނަސްރާއި ކާމިޔާބީ މިންވަރުކުރެއްވުމަށާއި މަސްޖިދުލް އަޤްޞާގެ މިނިވަންކަމަށް އެދި ގަދަކީރިތިވަންތަ اللهގެ ކިބަފުޅަށް ދުޢާކުރުންމަތީ ދެމިތިބުމަށް އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރަން" އަދާލަތުން ބުންޏެވެ.

އަގްސާ އަކީ މުސްލިމުންގެ ފުރަތަމަ ގިބުލަކަމަށްވެފައި އެތަނުގެ ވަށައިގެންވާ ބިމަކީ މުސްލިމުންގެ މުގައްސަދު ބިންތަކަށް ވާއިރު، ފަލަސްތީނުގެ ގަޟިއްޔާއަކީ ދުނިޔޭގެ ދެ ބިލިޔަނެއްހާ މުސްލިމުންގެ ހިތުގެ ވިންދާ ގުޅިފައިވާ މައްސަލަޔަކަށްވާތީ، ފަލަސްތީނުގެ ޤަޟިއްޔާއަށް ދާއިމީ ޙައްލެއް ހޯދާފުމަށްދާންދެން މެދުއިރުމަތީގައި ސުލްޙަ ގާއިމުވުމަކީ މުސްތަހިލު ކަމެއް ކަމަށް އަދާލަތުން ބުންޏެވެ.

އަދި މެދު އިރުމަތީގެ މަސްރަހި ހަލަބޮލިވުމަކީ ބައިނަލްއަގުވާމީ ސުލުހަޔަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށާއި ހެންކަމުން، ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިނިވަންކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ވަޒަނަށް އެނބުރި ރުޖޫއަވެވޭނެ މަގުފަހިކޮށް، ފަލަސްތީނުގެ ބިމުގައި ފަލަސްތީނު ރައްޔިތުންނަށް މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމުކޮށް ދިނުމަކީ، މެދުއިރުމަތީގެ ހަމަޖެހުމަށާއި ބައިނަލްއަގުވާމީ ސުލުހަށްޓަކައި، އަރަބި-އިސްލާމީ ގައުމުތަކާއި، ބައިނަލްއަގުވާމީ ބާރުތަކާއި އަދި މުޅި ބައިނަލްއްގުވާމީ މުޖުތަމައުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށް އަދާލަތުން ބުންޏެވެ.