ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް އެމްޑީޕީން ފެށި ހަބަރާއެކު ދަ ޑިމޮކްރެޓްސްގެ ލީޑާޝިޕްގެ ބޭފުޅުން ނަޝީދުގެ ދިފާއުގައި ތެދުވެއްޖެއެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅޭނެ މިންވަރަށް މިހާރު ސޮއި ހަމަވެފައިވާ ކަމަށް "ހަތާވީސް" އަށް މައުލޫމާތު ދެމުން އެމްޑީޕީގެ މަޖިލިސް މެންބަރަކު މިރޭ ވިދާޅުވިއެވެ. އަދި މާދަމާ އޮންނަ އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ބައްދަލުވުމަށް އެ މައްސަލަ އެޖެންޑާ ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މީގެކުރިންވެސް މަޖިލީހަށް ހުށަހެޅިއެވެ. އެއީ މިއަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ. މައްސަލަ ހުށަހެޅީ 54 މެންބަރުންގެ ސޮޔާ އެކުގައެވެ.
ނަމަވެސް ފަހުން އެ މައްސަލަ އަނބުރާ ގެންދިޔައެވެ. އެ މައްސަލަ އަނބުރާ ގެންދިޔައީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހުއެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ހަބަރަށް ފަހު އެކްސްގައި ޑިމޮކްރެޓްސްގެ ލީޑާޝިޕުން ވަނީ ނަޝީދުގެ ދިފާއުގައި ވާހަކަދައްކަވައިފައެވެ.
އެގޮތުން އެޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އަބަދުވެސް ޑިމޮކްރެޓްސް އިން ވަކާލާތު ކުރަމުން ދިޔައީ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް އިތުބާރު ހިފޭ ގޮތަކަށް ބަލަން ޖެހޭނެ ގޮތުގެ ވާހަކަތައް ކަމަށެވެ.
"ރައީސް ސޯލިހާއި އެމްޑީޕީ ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބެލެންޖެހޭ،" ހަސަން ވިދާޅުވިއެވެ.
އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ސަރުކާރުގެ ނުފޫޒު ގަދަ ބައެއް ބޭފުޅުން ހިންގެވި ޖަރީމާތައް ފޮރުވޭނެ ކަމަށްހީކޮށް، އަނެއްކާވެސް އެތައް ބައެއް ގުރުބާން ކޮށްލަނީކަން ކަށަވަރު ކަމަށެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓު އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ މި ސަރުކާރުން ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބެލެން ޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެކަންކަމަށް ފިޔަވަޅު ނާޅާ ދުލެއް ނުކުރެވޭނެ ކަމަށެވެ. އަދި ޑިމޮކްރެޓުން އަބަދުވެސް ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅު ވާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި އިލްޔާސްގެ ރަނިންމޭޓެއްގެ ގޮތުގައި ހުންނެވި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވިދާޅުވީ މީގެ ކުރިން އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ ސަރުކާރަށް އެއްބަރުލުން ނުދޭ ކަމަށް ބުނެ ކަމަށެވެ.
މިހާރު ސަރުކާރަށް އޮތީ މަސް ދުވަސް ކަމަށާއި އަދި ކުރަން އޮތީ ހަމައެކަނި އާ ސަރުކާރަށް ސަރުކާރު ދޫކުރުމުގެ މަސައްކަތް ކަމަށް އަމްރު ވިދާޅުވިއެވެ. މި ވަގުތު ބަލިވި ޕާޓީން މަޖިލިހުގެ ރިޔާސަތު އަތުލަން މަސައްކަތް ކުރަނީ މި ދައުރުގަ ހިންގާފައިހުރި ޚިޔާނާތުގެ މައްސަލަތައް ބެލުމަށް ހުރަސްް އެޅުމާ، އަންނަން އޮތް ސަރުކާރަށް މަޖިލިހުން ހުރަސް އެޅުން ކަން އެންމެނަށް ވެސް ވަރަށް ސާފު ކަމަށް އަމްރު ވިދާޅުވިއެވެ.