އަލަށް އެކުލަވާލާ ސަރުކާރުގެ ކެބިނެޓަށް މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ޕާޓީތަކުގެ މެމްބަރުންގެ ރުހުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުގެ ސްޕޯކްސްޕާސަން މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ ގެކޮޅު، މ. ދިމްޔާތުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ފިރުޒުލް ވިދާޅުވީ އަލަށް އެކުލަވާލާ ކެބިނެޓް ވަޒީރުންނަށް ރުހުން ނުލިބިގެން، ހާއްސަ މަގެއް އިހްތިޔާޒު ކުރަންޖެހިދާނެ ކަމަށް ގަބޫލު ނުރައްވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ ދިވެހިރައްޔިތުން ނިންމި ނިންމުން އެއީ މިއަދު އަލަށް ހަވާލުވާ ސަރުކާރާ ދިވެހި ދައުލަތުގެ ބާރުތައް ހަވާލުކުރުން. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ކެބިނެޓް މި ރަމްޒުކޮށްދެނީ އެ ބާރުތައް ފެށިގެންނަ އަންނަ ފެށުމާ [ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާ]. އެހެންވީމަ އަޅުގަނޑު މި އުންމީދުކުރަނީ ގާނޫނުއަސާސީގައި ކަނޑައެޅިފައި އޮތް ގޮތަށް ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް އެކަމުގައި [ކެބިނެޓަށް ރުހުން ދިނުމުގައި] އަޅުގަނޑުމެންނަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް،" ފިރުޒުލް ވިދާޅުވިއެވެ.
އަންނަ އަހަރަށް ލާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓް އެކުލަވާލުމުގައި އާ ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތްޕުޅުން ވެސް ރައީސުލްޖުމްހޫރިއްޔާ ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސާ ކުރެއްވުނު މަޝްވަރާގައި ވެސް އެމްޑީޕީން ވެސް ޔަގީންކަން ދެއްވާފައި ވަނީ އާ ސަރުކާރަށް ބަޖެޓް އެކުލަވާލުމުގައި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެ ކަމަށް. އެހެންވީމަ އަޅުގަނޑުމެން އުންމިދު ކުރަނީ އަޅުގަނޑުމެން އެދޭ ގޮތަށް އެ ބަޖެޓް ފަރުމާ ކުރުމުގައި އެއްބާރުލުން ލިބިގެންދާނެ ކަމަށް،" ފިރުޒުލް ވިދާޅުވިއެވެ.