ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަތް ކަމެއް ކުރުން މިވަގުތު މަޑު ޖައްސާލެއްވުމަށް އެދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
އިންތިހާބީ ރައީސްގެ އޮފީހުން ރައީސް ސޯލިހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ މިދިޔަ މަހުގެ 30ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ޑރ. މުއިއްޒު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ރައީސް ސޯލިހު ދެއްކެވި ޑިމޮކްރަސީގެ ރީތި ނަމޫނާއަށްޓަކައި ޝުކުރު އަދާ ކުރާ ކަމަށެވެ.
އެ ސިޓީގައި ވަނީ އައު ސަރުކާރާއި ބާރުތައް ހަވާލު ކުރުމުގެ ކަންކަން އޮމާންކަމާއެކު ކުރިޔަށް ގެންދިއުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމަށް ޔަގީންކަން ދެއްވިކަމީ ވެސް ޝުކުރުވެރިކަމާއެކު އެކަން ބަލައިގަންނަ ކަމެއް ކަމަށެވެ. އަދި އިންތިހާބީ ރައީސްގެ ފަރާތުން އައު ސަރުކާރާއި ހަވާލުވުމުގެ މަސައްކަތްތައް ވިލަރެސް ކުރަމުން އަންނަ ކަމަށް ސިޓީގައިވެއެވެ.
އިންތިހާބީ ރައީސްގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކިބައިން އެދިވަޑައިގެންނެވި ކަންކަން:
- ދައުލަތުގެ އެއްވެސް ވަޒީފާއެއް އަލަށް މީހަކަށް ނުދިނުން އަދި މަގާމުގެ ކުރިއެރުން ނުދިނުން.
- ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އާ އިންވެސްޓްމަންޓެއް ނުކުރުން.
- ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުން.
- ދައުލަތުގެ އެއްވެސް ބިމެއް ތަރައްގީކޮށް، ވިއްކުމަށް އާ ހުއްދައެއް ނުދިނުން.
- ޕީއެސްއައިޕީ ނުވަތަ އެހެން އެއްވެސް ޕްރޮގްރާމެއްގެ ދަށުން އާ ޕްރޮޖެކްޓެއް ނުފެށުން.
- ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލު ނުކުރުން.
- ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއިނުކުރުން.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވާފައި ވާތީ ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިޔަށް ގެންދިއުމަށް ހާއްސަ ކޮމެޓީއެއް މިހާރު ވަނީ އެކުލަވާލައިފައެވެ. ސަރުކާރުގެ ފަރާތުން އެ ކޮމެޓީގެ އިސް ބޭފުޅަކަށް ހަމަޖައްސަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ، ކޯޕަރޭޓް ސަރވިސް ޙުސައިން ޢާމިރުއެވެ. އިންތިހާބީ ރައީސްގެ ފަރާތުން ހަމަޖައްސަވާފައި ވަނީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް (އަދުރޭ) އެވެ.