ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާއިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައި ދެއްވުމަށް އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރުގެ އަރިހުން އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
މިއަދު އިންތިހާބީ ރައީސްގެ ގެކޮޅު ދިމްތިޔާތުގައި އިންޑިއާގެ ސަފީރު ވަނީ އިންތިހާބީ ރައީސާ ބައްދަލުކުރައްވައިފައެވެ.
އިންތިހާބީ ނާއިބު ރައީސް ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި މުއިއްޒުގެ ރިޔާސީ ދައުރުގައި، އިންޑިއާ އެކު އޮންނަ ގުޅުން ސިޔާދަތީ އިހުތިރާމުގެ އަސާސްތަކުގެ މައްޗަށް އިއާދަކުރައްވައި، ޒަމާނުއްސުރެ އިންޑިއާއާ ދިވެހިރާއްޖެއާ ދެމެދު އޮންނަ ހާއްސަ ގުޅުން ހަރުދަނާ ކުރައްވައި އިތުރު އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަދި ހަމަ އެއާއެކު، ދިވެހިރާއްޖޭގެ ސިޔާދަތީ މުސްތަގިއްލުކަން ހިމާޔަތްކުރުމަށް، ދިވެހި ރައްޔިތުން ނިންމެވި ނިންމެވުން ތަކުރާރުކުރައްވަވައި، އެ ކަންކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އޮތްކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ހިގަމުންމިދާ ސަރުކާރުން، އިންޑިއާއިން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް އުއްމީދުކުރައްވާކަން ފާހަގަކުރެއްވެވިއެވެ.
އިންޑިއާ ސަފީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ-އިންޑިއާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ދިވެހިރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވެވިއެވެ.
އަދި ހަމަ އެއާއެކު، ދިވެހިރާއްޖޭގެ ސިޔާދަތީ މުސަތަގިއްލު ކަމަށް ފުރިހަމައަށް އިހުތިރާމު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވެވައި، ލޯނުތައް އަދާކުރުމުގައި ފަހި ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް މަޝްވަރާކުރުމަށް ތައްޔާރަށް ތިއްބެވިކަމަށް ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ