ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ދަ ޑިމޮކްރެޓްސް އިން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކޮށް، ވަކި ކޮޅަކަށް ނާރާ ހުރެއްޖެ ނަމަ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ވޯޓަކަށް ދިއުމަށް އެމްޑީޕީން އެއްބަސްވި ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ޑިމޮކްރެޓްސްގެ ބާނީ މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް އެމްޑީޕީން ދޮގުކޮށްފިއެވެ.

ނަޝީދުގެ އެ ވާހަކަތައް ދޮގުކޮށް، އެމްޑީޕީން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ޑިމޮކްރެޓްސް އިން އެމްޑީޕީ އަށް ހުށަހެޅި ހުށަހެޅުމަކީ 30 ސެޕްޓެމްބަރުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެއްބަސްވާނަމަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ޑިމޮކްރެޓްސް އިން ތާއީދުކުރާނެ ކަމަށެވެ.

އެ ހުށަހެޅުމަކަށް އެ ޕާޓީއާ ޑިމޮކްރެޓްސްއާ ދެމެދު އެއްބަސްވެފައި ނުވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

"އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށް ދި ޑިމޮކްރެޓްސްއިން ނިންމި ނިންމުމަކީ މި ޕާޓީއާއެކު އެއްވެސް އެއްބަސްވުމެއްގެ ދަށުން އެ ޕާޓީން ނިންމާފައިވާ ނިންމުމެއް ނޫނެވެ." އެމްޑީޕީން ބުންޏެވެ.

ނިޒާމީ ވޯޓެއް ނެގުމަށް ގޮވާލައި، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު، ހުށަހަޅާފައިވާ ގަރާރު 35 މެންބަރުންގެ ވޯޓުން މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ނިޒާމީ ވޯޓު ނެގުމަށް އީސީ ގައި މަޖިލީހުން ދެންނެވުމަށް ގަރާރަށް ވަނީ ބަދަލު ގެނެސްފައެވެ. މަޖިލީހުން އެ ގަރާރު ފާސްކުރީ އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެމްބަރުންގެ ވޯޓުންނެވެ.

އެ ގަރާރާ ގުޅިގެން އިލެކްޝަންސް އިން ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ. އަދި އެ ބައްދަލުވުމުގައި ކޮމިޝަން މެމްބަރުންނަށް ފާހަގަކުރެވުނު ބައެއް ކަންކަމާ ގުޅޭ ގޮތުން ޖަވާބު ހޯދަން މަޖިލީހުގައި ވަނީ އެދިފައެވެ.

މަޖިލީހުން ސާފުކުރަން ބޭނުންވާ މައުލޫމާތުތަކުގެ ތެރޭގައި، ނިޒާމީ ވޯޓެއް ނަގާއިރު އެ ނަގާ މައުޝޫ އަކީ ކޮބައިކަމާއި ކުރަން ޖެހޭ ސުވާލަކީ ކޮބައިކަން ހިމެނެއެވ

މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އޮތީ އިލެކްޝަންސްގެ ސިޓީއާ ގުޅޭ ގޮތުން ބަހުސް ކުރުމެވެ. ރިޔާސަތުގައި އިންނަވާ ނަޝީދު ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައި ހުރި މައުލޫމާތުތައް ހިއްސާ ކުރަން ޖެހިވަޑައިގަންނަވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަޝީދު އެ އިޝާރާތް ކުރެއްވީ އެކަމުގައި އެމްޑީޕީން އެއްބަސްވެފައިވާ ގޮތުގެ މައްޗަށެވެ.

"އެ ޕާޓީން [ދަ ޑިމޮކްރެޓްސް] ވަކި ބަޔަކަށް ތާއީދުނުކޮށް [ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި] ތިބެއްޖެ ނަމަ، ނިޒާމީ ވޯޓަށް އެމްޑީޕީން ފެންނަ ނުފެންނަ ވޯޓަށް ފުރިހަމަ އަށް ތާއީދު ކުރައްވާނެ ކަމަށް،" ނަޝީދު ވިދާޅުވިއެވެ.

އެކަމަށް އެއްބަސްވެ އެމްޑީޕީން ސިޓީއެއް ހޯދާފައިވާ ކަމަށާއި ނަމަވެސް އެ ސިޓީގެ ޖަވާބު އެމްޑީޕީން ދީފައި ނުވާ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެމްޑީޕީ އަކީ މިވަގުތު ބަހުގެ އިތުބާރު ހިފޭ ޕާޓީ އެއް ކަމަށް ނުދަންނަވާނެ ކަމަށެވެ.