އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވާފައި ވާތީ ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިޔަށް ގެންދިއުމަށް އުފައްދާފައިވާ ކޮމެޓީގެ އެންމެ އިސް ބޭފުޅަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ހަމަޖައްސަވައިފިއެވެ.
ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުއިއްޒު އިއްޔެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަން ރައީސް އޮފީހަށް ވަޑައިގެންނެވިއިރު އަރިހުގައި އަދުރޭ ވެސް ވަޑައިގެންނެވިއެވެ. އަދި އިންތިހާބުގެ ކަންކަމުގައި މުއިއްޒުގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ ވެސް އަދުރޭއެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިއަދު ވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިޔަށް ގެންދާ ކޮމެޓީގެ ޗެއާމަން ކަމަށް އަދުރޭ ހަމަޖައްސަވައިފައެވެ. އެއާއެކު އެހެން ކޮމެޓީތައް އުފެއްދުމުގެ މަސައްކަތްތައް މިހާރު ކުރައްވަމުން އަންނަ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް އިންތިހާބުވާ ފަރާތެއް އެދިއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރުމަށް އެކަށީގެންވާ އޮފީހާއި، އެއޮފީހަށް ބޭނުންވާ އެންމެހައި ތަކެތި ހަމަޖައްސައި އެ އޮފީހަށް ބޭނުންވާ މުވައްޒަފުންނާއި އެފަދަ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ހަމަޖައްސައިދޭން ޖެހެއެވެ.
އަދި ބޭނުންވެއްޖެ ހިނދެއްގައި، އެކިއެކި ފަންނީ މާހިރުންނާއި، ޖަމާއަތްތަކުގެ ފުރިހަމަ އެހީތެރިކަމާއި، އަދި އެފަދަ ފަރާތްތަކަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ފޯރުކޮށްދިނުމާއި ކެއުންބުއިމާއި، ދިރިއުޅުމަށް ބޭނުންވާ އެކަށީގެންވާ ތަނެއް، ނުވަތަ އެކަމަށް ހިނގާ ހަރަދާއި، ކުއްޔަށް ހިފުމަށާއި، ދަތުރުފަތުރަށް ބޭނުންވާ ހަރަދު ހަމަޖައްސައިދޭން ވެސް ޖެހެއެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާއަށް ދޭ ސަލާމަތާއި ރައްކާތެރިކަމާއި އެއް ފެންވަރަށް ރައީސުލްޖުމްހޫރިއްޔާކަމަށް ހޮވިފައިވާ މީހަކަށް ސަލާމަތާއި ރައްކާތެރިކަން ގައުމީ ދިފާއީ ބާރުގެ ފަރާތުން ހަމަޖައްސައިދޭންވާނެ ކަމަށް ގާނޫނުގައިވެއެވެ.
އިއްޔެ ރައީސް އޮފީހުގައި ރައީސް ސޯލިހާ އިންތިހާބީ ރައީސް މުއިއްޒާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ އަދި ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ކުރައްވަންޖެހޭ ކަންކަން، ވީހާވެސް އޮމާންކަމާއެކު ގެންދެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެކަންކަން ކުރިއަށް ގެންދެވުމަށްޓަކައި ހާއްސަ ކޮމިޓީއެއް އިއްޔެ އުފައްދަވައިފި ކަމަށާއި، އެ ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ، ކޯޕަރޭޓް ސަރވިސް ޙުސައިން ޢާމިރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ