އާ ސަރުކާރުގެ ކިބައިން އެދެނީ ދެ ކަމަކަށް ކަމަށާއި އެއީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެއްވާ ތަރައްގީ އަށް ފަށާފައިވާ މަޝްރޫއުތައް ހުއްޓާނުލާ ކުރިޔަށް ގެންދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ސަރުކާރުގައި ކުރިޔަށް ގެންދިއުމަށް ނިންމި އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަޝްރޫއު ނުނިމުމަކީ އެމަނިކުފާނު "ދެރަވާ" ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ އެ މަސައްކަތް ނުނިމުނީ ޓެކްނިކަލް އެތައް މައްސަލަތަކެއް ވެސް ކުރިމަތިވެގެން ކަމަށެވެ. އަދި އެ މަސައްކަތް ނިންމާލެވުނު ނަމަ، ރިޔާސީ އިންތިހާބަށް އެކަމުގެ ރަނގަޅު އަސަރުތަކެއް ވެސް ކުރީސް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"އަޅުގަނޑު އޮތީ މި އާ ސަރުކާރުގެ ކިބައިން އެދޭ ދެ ކަމެއް. އެއްކަމަކީ ހެޔޮ ވެރިކަމެއް. އަނެއް ކަމަކީ ރައްޔިތުންގެ، މިގައުމުގެ ތަރައްގީ އަށްޓަކައި އަޅުގަނޑުމެން ފަށާފައިވާ މަސައްކަތްތައް ކުރިޔަށް ގެންދިއުން. އެއީ އަޅުގަނޑު އެދޭ އެދުމަކީ،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހު އިއްޔެ ވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިޔަށް ގެންދިއުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށް ވިދާޅުވިއެވެ.

އަދި ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ހުރިހާ ކަމެއް ހިނގަމުންދާ ގޮތް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ވިލަރެސް ކުރައްވާނީ، ޗީފް އޮފް ސްޓާފް އަލްއުސްތާޒު އަލީ ޒާހިރު ކަމަށާއި، އިންތިހާބީ ރައީސްގެ އޮފީހަށް ބޭނުންވާ އެހީތެރިކަން ދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކަމާބެހޭ ފަންނީ ބޭފުޅުން ހިމެނިވަޑައިގަންނަވާ ޓީމެއްގެ އެހީތެރިކަންވެސް ލިބިވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.