ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބީން އަރައިގަތުމުގެ ހިތްވަރު އެ ޕާޓީގައި އެބަހުރި ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ރޭ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި އެމްޑީޕީގެ އާއްމު މެމްބަރުންނަށް މަހުލޫފް ދެއްވި މެސެޖަކީ "ގަދަކޮށް ބާރަށް" ތިބުމަށެވެ. މަހުލޫފް ވިދާޅުވީ މި އިންތިހާބަކީ އެމްޑީޕީއަށް އެންމެ ފުރިހަމަ ގޮތުގައި ނިމުނު އިންތިހާބެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، އެއަށްވުރެ ރަނގަޅަށް އެމްޑީޕީއަށް ކަންތައްތައް ރަނގަޅަށް ކުރެވޭނެ ކަމަށެވެ. އެއިން ކޮންމެ ކަމަކީ އެމްޑީޕީއަށް ލިބޭ ފިލާވަޅެއް ކަމަށާއި އެކަންކަމުން އިބުރަށް ހާސިލްކޮށް ރަނގަޅުކުރަން ޖެހޭ ކަންތައްތައް ރަނގަޅުކުރަމުންދާން ޖެހޭނެ ކަމަށެވެ.
އެއަށް ފަހު މަހުލޫފް ވިދާޅުވީ އެމްޑީޕީ ދާނީ ބާރަށް ކުރިއަށް ކަމަށާއި އެމްޑީޕީން ދެން ތައްޔާރުވާނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކަމަށެވެ. އެ މަސައްކަތާއިގެން ކުރިއަށްދާނީ ހިތްވަރާ ޖޯޝުގައި ކަމަށް މަހުލޫފް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވެއްޓިފައި މިއޮތީ ނުތެދުވިފައެއް ނޫން. ހަމަ އަނެއްކާވެސް ފޯރިގައި ލަވަޖަހާފައި ނަށާލާފައި މަސައްކަތާއިގެން ކުރިއަށްދާނީ" މަހުލޫފް ވިދާޅުވިއެވެ.
އިންތިހާބުގެ ވޯޓުލުން ކުރިއަށް ދިޔަ ވަގުތު އެމްޑީޕީއަށް ނިސްބަތްވެވަޑައިގެންނަވާ މަޖިލީހުގެ ދެ މެމްބަރުން ދިން ހަމަލާއަށް އިޝާރާތްކުރައްވާ މަހުލޫފް ވަނީ އެކަންތައް ހުއްޓާލާން ގޮވާލާފައެވެ. އަދި އެމްޑީޕީގެ ތަކެއްޗަށް ދެމުންދާ ގެއްލުން ހުއްޓާލާއި އަމާން އޮމާން މާހައުލެއް ގާއިމްކޮށް ދިނުމަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން މަހުލޫފް އެދިވަޑައިގަތެވެ.
އޭނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ހިލާފަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބުގެ ނަތިއްޖާ ބަލައިގަނެފައިވާ ކަމަށެވެ. އަދި އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވާފައިވާއިރު "ޓްރާންސިޝަން ޕީރިއަޑް" ގައި އަލަށް އެކުލަވާލެވޭ ސަރުކާރަށް ދިނުމަށް ރައީސް ސޯލިހު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
"މިއިން އެބަ ދައްކުވައިދޭ އެމަނިކުފާނުގެ ހިތްޕުޅުގައި މި ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހަލާކު ކޮށްނުލާ ކުރިއަށް ގެންދަން ބޭނުންވާކަން އަޅުގަނޑަށް ހީވަނީ ވަރަށް ރަނގަޅަށް މީއިން ހާމަވެގެން އެބަދޭކަން" މަހުލޫފް ވިދާޅުވިއެވެ.