އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވާފައި ވާތީ ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިޔަށް ގެންދިއުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ރައީސް ސޯލިހް ވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބައްދަލު ކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ސޯލިން ވަނީ ރައްޔިތުންގެ އެ ނިންމުން ގަބޫލުކުރައްވައި، ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރާ ގާނޫނު ކަމަށްވާ "ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނު" ގައިވާ ގޮތުގެ މަތިން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ކުރައްވަންޖެހޭ ކަންކަން، ވީހާވެސް އޮމާންކަމާއެކު ގެންދެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން އެކަންކަން ކުރިއަށް ގެންދެވުމަށްޓަކައި ހާއްސަ ކޮމިޓީއެއް މިއަދު އުފައްދަވައިފި ކަމަށާއި، އެ ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ، ކޯޕަރޭޓް ސަރވިސް ޙުސައިން ޢާމިރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ހުރިހާ ކަމެއް ހިނގަމުންދާ ގޮތް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ވިލަރެސް ކުރައްވާނީ، ޗީފް އޮފް ސްޓާފް އަލްއުސްތާޒު އަލީ ޒާހިރު ކަމަށާއި، އިންތިހާބީ ރައީސްގެ އޮފީހަށް ބޭނުންވާ އެހީތެރިކަން ދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކަމާބެހޭ ފަންނީ ބޭފުޅުން ހިމެނިވަޑައިގަންނަވާ ޓީމެއްގެ އެހީތެރިކަންވެސް ލިބިވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ ބައްދަލުކުރެއްވުމުގައި، އިންތިހާބީ ރައީސް ޑރ މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، އިއްޔެ ބޭއްވުނު އިންތިހާބުގެ ނަތީޖާ، ރޭ އިއުލާނު ކުރުމާ އެކީގައި ނަތީޖާ ގަބޫލުކުރައްވައި، އެ މަނިކުފާނަށް ރައީސް ސޯލިޖް ގުޅުއްވައިލެއްވި ކަމަށްޓަކައި އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ރައީސަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އިންތިހާބުގެ ހުރިހާ ކަމެއްވެސް ހިނގައިދިޔައީ، ވަރަށް ރަނގަޅަށްކަން ފާހަގަކުރެއްވިއެވެ.
އަދި ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަންވެސް ވީހާ އޮމާންކަމާއެކީގައި ގެންދިޔުމަށް ބޭނުންފުޅުވާ އެއްބާރުލެއްވުން، އެ ބޭފުޅުންގެ ފަރާތްޕުޅުންވެސް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަންވެސް މުއިއްޒު ދެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ