މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ސައްހަ ވޯޓެއް ބާތިލް ކޮށްފި ނަމަ، ފޮށީގެ ވެރިޔާ އަށް ބޮޑު އަދަބެއް އައިސް ދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

މިރޭ އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަބީބް ވިދާޅުވީ ސައްހަ ވޯޓެއް ބާތިލް ވޯޓަކަށް ހަދައިފި ނަމަ ނޫން ނަމަ ބާތިލް ވޯޓެއް ސައްހަ ވޯޓަކަށް ހެދުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ މާދަމާ އޮންނަ އިންތިހާބުގެ ދެވަނަ ބުރުގައި އެފަދަ އެއްވެސް ނުފޫޒެއް ވޯޓު ފޮށީގެ ވެރިޔާ އަށް ނުފޯރުވުމަށް އިލްތިމާސް ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން އޮންނާނީ ވަރަށް ބޮޑަށް ކިޔާދީފައި ސައްހަ ވޯޓާއި ބާތިލް ވޯޓު ކަނޑައެޅުމާއި އަދި އެނޫންވެސް ކުރީ ފަހަރު ދިމާވި ކަންކަމާއި ގުޅިގެން ވޯޓުލާ މަރުކަޒުގައި ކަންކަން ތަރުތީބު ކުރަންވީ ގޮތް އަޅުގަނޑުމެން ކިޔާދީފައި ވާނީ،" ހަބީބް ވިދާޅުވިއެވެ.

ހަބީބްގެ ވާހަކަފުޅުގައި ސައްހަ ވޯޓެއް ބާތިލް ވޯޓުގެ ގޮތުގައި ގުނައިފިއްޔާ އެއީ ގާނޫނީ ކުށެއް ކަމަށެވެ. އަދި އަންނާނެ އަދަބުތައް ވެސް އޮފިޝަލުންނަށް ކިޔާ ދީފައި އޮންނާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

"ވޯޓު ފޮށީގެ ވެރިޔާ އެބަ ތިން އަހަރާއި 18 އަހަރުގެ މުއްދަތަކަށް ޖަލަށްލެވޭ ނުވަތަ 36،000 އާއި 96،000 ދޭތެރޭގެ އަދަދަކަށް ޖޫރިމަނާ ކުރެވޭ،" ހަބީބް ފާހަގަކުރެއްވިއެވެ.

ހަބީބް ވިދާޅުވީ އޮފިޝަލުގެ މަގާމުތަކާއި ހަވާލުވެ އެފަރާތްތައް ތިބީ އެކަންކަން އެނގިގެން ކަމަށާއި އަދި އިލެކްޝަންސް ކޮމިޝަނުގެ އިގުރާރުގައި އެބޭފުޅުން ސޮއި ކުރައްވާފައިވާއިރު އެބޭފުޅުންގެ ފަރާތުން އެފަދަ ކަމެއް ނުފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ހަބީބް ވިދާޅުވިއެވެ.