އަންނަ އަހަރު އޮންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ، އިންތިހާބީ ދާއިރާތަކުގެ އާބާދީ ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓް އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފިއެވެ.

މި ރިޕޯޓު ދައްކާ ގޮތުގައި އަންނަ އަހަރު އޮންނަ މަޖިލިސް އިންތިހާބުގައި އިތުރު ހަ ދާއިރާއެއް ވަނީ އިތުރުވެފައެވެ. އެހެންކަމުން މިހާރު 86 މެންބަރުން ތިއްބެވި މަޖިލީހަށް އަންނަ އަހަރު 93 މެންބަރުން އިންތިހާބު ކުރަން ޖެހޭނެއެވެ.

އިތުރުވި ދާއިރާތައް:

  • ހުޅުމާލެ މެދު ދާއިރާ
  • ހުޅުމާލެ އުތުރު ދާއިރާ
  • ހިތާދޫ ދާއިރާ (ބ. ހިތާދޫ، މާޅޮސް، ދަރަވަންދޫ)
  • ހުރާ ދާއިރާ (ކ. ހުރާ، ހިންމަފުށި، ގުޅީ)
  • ކޮލަމާފުށި ދާއިރާ (ގއ. ކޮލަމާފުށި، ދެއްވަދޫ)
  • ފޭދޫ އުތުރު ދާއިރާ (ސ. ފޭދޫ، މަރަދޫފޭދޫ)

އިލެކްޝަންސް ކޮމިޝަނުން ބުނީ މަޖިލީހުގެ އިންތިހާބުގެ ދާއިރާތަކުގެ އާބާދީ ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 19ވަނަ ދުވަހުގެ މެންދުރުފަހު 15:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ ރަޖިސްޓަރީއަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ މިއަދުން ފެށިގެން 2023 އަންނަ މަހުގެ 19ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.