އައްޑޫ، ފުވައްމުލައް އަދި ތިނަދޫ ސިޓީން ދެވަނަ ބުރުގައި ރަނގަޅު ނަތިއްޖާއެއް ނެރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.

އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ރައީސް ސޯލިހު ވަނީ އައްޑޫ، ފުވައްމުލަކުގެ އިތުރުން ތިނަދޫ ސިޓީއަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި އެ ސިޓީތަކުގެ ކެމްޕޭނު ޓީމްތަކާއި އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.

ތިނަދޫ ސިޓީއަށް ވަޑައިގެން "ރާއްޖެޓީވީ" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ކެމްޕޭނު ޓީމްތަކާއި ބައްދަލުކުރެއްވުމުން އެނގިވަޑައިގެންނެވީ އިންތިހާބުގެ ފުރަތަމަ ބުރާ ހިލާފަށް މި ފަހަރު ކަންތައްތައް މާ ބޮޑަށް ރޭވިގެން ވިސްނުންތެރިކަމާއި އެކު ކުރިއަށްދާ ކަން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ފެންނަނީ މި ތިން ސިޓީން ބޮޑު ތަފާތެއް، ކުރިއާއަޅައި ބަލާއިރު ބޮޑު ތަފާތެއް ފެނިގެންދާނެ ކަމަށް" އެމަނިކުފާނު ވިދާޅުވިއެވެ.

ފުރަތަމަ ބުރުގައި ރައީސަށް ފުވައްމުލަކުން ލިބިވަޑައިގެންނެވީ ފުވައްމުލަކު ސިޓީން ލިބިވަޑައިގެންނެވީ 2524 ވޯޓެވެ. އެއީ ވޯޓުލި މީހުންގެ 38 އިންސައްތައެވެ. 45.87 އިންސައްތައާއެކު ކުރި ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒެވެ. އައްޑޫ ސިޓީން ރައީސަށް 7،059 ވޯޓު ލިބިވަޑައިގެންނެވިއިރު މުއިއްޒަށް ލިބިވަޑައިގެންނެވީ 6،111 ވޯޓެވެ. ތިނަދޫ ސިޓީން 1229 ވޯޓާއެކު ކުރި ހޯއްދެވި މުއިއްޒެވެ. އެ ސިޓީން ރައީސަށް ލިބިވަޑައިގެންނެވީ 890 ވޯޓެވެ.

ކޯލިޝަނުން އެމްޑީއޭ ވަކިވުމައި ގުޅިގެން ރައީސް ވިދާޅުވީ، އެ ޕާޓީ ކޯލިޝަނުން ވަކިވުމަކުން ކަންބޮޑުވުމެއް ނެތް ކަމަށެވެ. ނަމަވެސް އެމްޑީއޭއިން ނިންމީ އެންމެ ރަނގަޅު ނިންމުމެއް ނޫންކަން މާލަސްތަކެއް ނުވެ ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

" ހަމަ ގައިމުންވެސް އަޅުގަނޑުމެންގެ ކެމްޕޭނަކަށް އޭގެ ސަބަބުންނެއް މާ ބޮޑު ހުއްޓުމެއް ނައަންނާނެ" ރައީސް ވިދާޅުވިއެވެ.