ހުޅުމާލެ ފުރަތަމަ ފިޔަވަހި ސެންޓްރަލް ޕާކު ކައިރީގައި “ކޭޕާކް ރެޒިޑެންސް” ގެ ނަމުގައި ހަދަމުން އަންނަ ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި ކަމަށް ބުނާ މައްސަލައާ ގުޅިގެން ހައްޔަރުކުރި، އެ މަޝްރޫއު ހިންގާ ހަމްބޯ މޯލްޑިވްސް ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)، ހަންބޯ ތަމްސީލުކުރާ ލޯ ފާމް ކަމަށްވާ ލޯ ކްރާފްޓަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.

މަންޑޭގެ ގާނޫނީ ވަކީލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ހަންބޯގެ ބޯޑު ރިސޮލިއުޝަނެއް ނެތި ލޯކުރާފްޓުން ކުރަމުންދާ މަސައްކަތަކީ މުޖުތަމައުގެ އާންމު މަސްލަހަތު ގެއްލި ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތަށް ބޭރުގެ އިންވެސްޓަރުންގެ ފަރާތުން ލިބިފައިވާ ޔަގީންކަމާއި އިތުބާރު ގެއްލުވާލައި އަމިއްލަ އެދުމަށް ކުރަމުންދާ ހުތުރުކަން ބޮޑު ގައިރު ގާނޫނީ އަމަލެއް ކަމަށެވެ.

"އަދި ލޯ ކްރާފްޓުގެ މި އަމަލަކީ ޖިނާއީ ތަހުގީގެއްގެ ތެރެއިން މިހިނދުން މިހިނދަށް ބަލައި ވަގުތުން ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމުގައި ދެކެން" އެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ ލޯ ކްރާފްޓަކީ ގާނޫނީ ހިދުމަތް ފޯރުކޮށްދޭ ލޯފާމެއް ކަމުގައި ބެލިނަމަވެސް މިކަމުގައި ލޯ ކްރާފްޓު އަލީ ސައީދު ކުރަމުންދަނީ "ނުހަނު ހުތުރުކަންބޮޑު" އަމަލެއް ކަމަށެވެ.

އަދި ލޯކްރާފްޓުން އިސްވެ ހަންބޯގެ ޑިރެކްޓަރުންގެ ބޯޑުން މަމްދޫހު ވަކިކޮށް ޗައިނާގެ ދެ މީހަކުވެގެން މުޅި ކުންފުނި ހިންގާ ގޮތަށް ހަމަޖައްސައި އެކޮނޮމިކް މިނިސްޓްރީއާއި ލޯ ކުރާފްޓާ ގުޅިގެން ގާނޫނާއި ހިލާފަށް އެ މިނިސްޓްރީން އެކަން އެންޑޯޒް ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

ކޭޕާކު ފްލެޓުތަކުގެ މައްސަލައިގައި އޮޅުވާލަމުންދަނީ، އެ މަސައްކަތާ މިހާރު ހަވާލުވެގެން ހުރި ހަންބޯ މޯލްޑިވްސް ކުންފުންނިން ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން ހަންބޯ މޯލްޑިވްސްގެ ލޯފާމުން ހަންބޯ ޓެކުގެ ބޯޑުގެ ނިންމުމެއް ނެތި ކުރަމުންދާ މަސައްކަތުން ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތަށް ގެއްލުމާއި އިތުބާރު ކުޑަވެގެން ދާނެ ކަމަށް ބުނެފައިވެއެވެ.

އެ ބަޔާނުގައި ބައެއް ފަރާތްތަކާއެކު ލޯކްރާފްޓުން ރާއްޖޭގެ ބައެއް މީޑިއާތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދީގެން މަންޑޭގެ އަބުރު ނަގާލަން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ. އަދި ބައެއް މެސެޖުތަކުގެ ސްކްރީން ޝޮޓުތަކެއް ވެސް ހިއްސާ ކޮށްފައިވެއެވެ.

ކޭޕާކް މައްސަލާގައި ހައްޔަރުކުރި މަންޑޭ، ޝަރުތަކަކާއި އެކު ދޫކޮށްލާފައިވަނީ ޖުލައި މަހުއެވެ.

ކުންފުނީގެ މައި ހިއްސާދާރަށް ނޭންގި މަކަރާ ހީލަތުން ކޭޕާކް ފްލެޓުތައް ވިއްކި ކަމަށް ބުނާ މައްސަލަ އެންމެ ފުރަތަމަ ފުލުހުންނަށް ހުށަހެޅީ ހަމްބޯ ކުންފުނީގެ ދެން ހުންނަ ހިއްސާދާރު ޝިއުން ޖިންއާއެވެ. ހަމަ މި މައްސަލަ އާބަންކޯގެ ފަރާތުން ވެސް މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

އާބަންކޯ އިން ބުނީ “ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ” ފަރާތުން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ “ކޭޕާކް ރެސިޑެންސް” ގެ އެޕާޓްމަންޓުތައް ވިއްކުމުގައި، ސައްހަ ނޫން މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އެ ކުންފުނިން ހުށަހަޅަފައިވާ މައްސަލައާއި ގުޅިގެން، މިމައްސަލާގައި ފުރިހަމަ ތަހުގީގެއް ކޮށްދިނުމަށް އެދި، މޯލްޑިވްސް ޕޮލިސް ސާރވިސަސްއަށް އެ ކޯޕަރޭޝަނުން މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މަންޑޭ ވަނީ އޭނާގެ އަމިއްލަ ދިފާއުގައި ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި މަންޑޭ ވިދާޅުވެފައި ވަނީ އެކަމަކީ ޖިން ޝުހޫގެ ރޭވުމެއްގެ ދަށުން މަންޑޭގެ އަބުރު ކަތިލުމަށް ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި ވިދާޅުވީ ޖިން ޝުހޫ އެކަން އެގޮތަށް ކުރަމުން ދަނީ ފްލެޓުތައް ވިއްކައިގެން ލިބުނު ފައިސާ ހިފައިގެން ރާއްޖެ އިން ފިލަން ކުރި މަސައްކަތް މަންޑޭ ނާކާމިޔާބު ކޮށްލުމުން ކަމަށެވެ.