ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ހަދާފައިވާ އެގްރީމަންޓުތައް "ގޯސްކޮށް" ހަދާފައި އޮންނާނެ ކަމަކަށް ގަބޫލު ނުކުރެވޭ ކަމަަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ހަތާވީސް" އަށް ދެއްވި ވީޑިއޯ އިންޓަވިއުއެއްގައި މި ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ހަމައެއާއެކު ދިވެހި ގައުމުގެ މިނިވަންކަމަކީ ވެސް އެހާމެ މުހިއްމު ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެކަމުގެ މިސާލެއް ދައްކަވަމުން މުއިއްޒު ވިދާޅުވީ މިނިވަން ކަމަށް ބުރޫ އަރާނެ ވަރުގެ ކަމެއް އޮވެގެން ފޮރުވަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މުއިއްޒު ވިދާޅުވީ އެފަދައިން ދަންނަވަން ޖެހިވަޑައިގަތީ ބައެއް އެގްރީމަންޓުތަކާއި ގުޅޭ ގޮތުން ސަރުކާރުން އެފަދަ ޖަވާބުތައް ދީފައި އޮތުމުން ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެންނަށް ޝައްކު ވަނީ އެއީ، ކިހިނެއްތޯ މިވަނީ،" މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ހަދާފައިވާ އެގްރީމަންޓުތައް ބަލަން ބޭނުން ވަނީ އެ މަޝްރޫއުތައް ހުއްޓާނުލާ ކުރިޔަށް ގެންދިއުމަށް ކަމަށެވެ. އެގޮތުން މުއިއްޒު ވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތް ނިންމަން އޭނާ ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ އެއްވެސް މަޝްރޫއެއްގެ އެގްރީމަންޓުގައި ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާ ޒާތުގެ އެއްވެސް ވާހަކައެއް އޮވެއްޖެ ނަމަ އެކަން ދިވެހި ރައްޔިތުންނަށް ހާމަ ކުރާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އޮންނާނެ ކަމަކަށެއް [އެގްރީމަންޓުތަކުގައި ގޯސް ވާހަކަތަކެއް ނުވަތަ މިނިވަން ކަމަށް އަސަރު ކުރާނެ ވާހަކަތަކެއް]. މި ކިޔަނީ ތަރައްގީގެ މަޝްރޫއުތަކެއްގެ ވާހަކަ،"
ޑރ. މުހައްމަދު މުއިއްޒު

ތަކުރާރުކޮށް މުއިއްޒު ވަނީ އެ އެގްރީމަންޓުތައް ބަލަން އެމަނިކުފާނު ބޭނުންވަނީ އެ މަޝްރޫއުތައް ހުއްޓާ ނުލާ ކުރިޔަށް ގެންދަން ކަމަށް ވިދާޅުވެފައެވެ.