އިޓަލީގެ ނަޕޮލީއަށް ކުޅެމުން އަންނަ ވިކްޓަރ އޮސްމިހެން އެކުލަބުގެ ޓިކްޓޮކްގައި އެކައުންޓުގައި އޭނާއާ ގުޅޭގޮތުން ކުރި ވީޑިއޯއެއްގެ މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފިއެވެ.

މިދިޔަ ސީޒަނުގައި ނަޕޮލީއިން 30 އަހަރަށްފަހު އިޓަލީ ލީގުގެ ތަށި އުފުލާލި އިރު، އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔަކީ އޮސްމިހެންއެވެ. ޔޫރޮޕުގެ ގަދަބާރުތަކުގެ ގިނަ ހުށައެޅުންތަކަކާއެކުވެސް ނަޕޮލީގައި އޭނާ މަޑުކުރަން ނިންމި އިރު، މި ސީޒަނުގައި ވެސް އޮސްމިހެން އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެކަމަކު 107 މެޗުން 62 ގޯލު ޖަހައިދިން މި ކުޅުންތެރިޔާއާއި ކުލަބާއި ދެމެދު މިވަގުތު އޮތީ މައްސަލަ ގޯސްވެފައެވެ.

އިޓަލީ ލީގުގައި އެންމެ ފަހުން ބޮލޮނާއާ ދެކޮޅަށް ނަޕޮލީ ކުޅުނު މެޗުގައި ލިބުނު ޕެނަލްޓީ އޮސްމިހެން ފޮނުވާލި އިރު، އެ ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. މެޗުގެ ތެރޭގައި އެކަން މާބޮޑު ކަމަކަށް ކުޅުންތެރިޔާ އަދި ޓީމުންވެސް ހަދާފައެއް ނުވެއެވެ. އެކަމަކު ނަޕޮލީގެ ޓިކްޓޮކް އެކައުންޓުން ފަހުން ވަނީ އެ ޕެނަލްޓީގެ ވީޑިއޯ އޮސްމިހެންއަށް ޖޯކު ޖަހައި ޕޯސްޓްކޮށްފައެވެ. އަދި ފަހުން މީހުންގެ ފާޑުކިޔުންތައް އަމާޒުވާން ފެށުމުން ނަޕޮލީއިން އެ ވީޑިއޯ ޑިލީޓްކޮށްލީއެވެ.

ނަޕޮލީއިން ވީޑިއޯ ޑިލީޓް ކުރި ނަމަވެސް އެކަމުގެ ސަބަބުން އޮސްމިހެންއަށް ލިބުނު ގެއްލުން ފޫނުބެއްދޭނެ ކަމަށާއި، އެކަން ސީރިއަސް މައްސަލައެއް ގޮތުގައި ބަލައި، ކުލަބާއި މެދު ފިޔަވަޅު އަޅަން ނިންމާފައިވާކަމަށް އޭނަގެ އެޖެންޓް ރޮބާޓް ކަލެންޑާ ވަނީ ބުނެފައެވެ. އޭނާ ބުނީ ނަޕޮލީގެ ޓިކްޓޮކް އެކައުންޓުގައި ޕޯސްޓްކުރި ވީޑިއޯއަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ޚާއްސަކޮށް ގިނަ ދޮގު ޚަބަރާއި، ޔޯލަ ވާހަކަތައް ފެތުރޭ ދަނޑިވަޅުތަކުގައި މިކަހަލަ ކަންކަން ކުރުމުން ކުޅުންތެރިޔާއާށް އެކަމުގެ ސަބަބުން ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

މި މައްސަލައިގައި ނަޕޮލީއިން މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

މިފަހުން ކުޅުނު ފަސް މެޗުން ލިބުނު ދެ މޮޅާއެކު ނަޕޮލީ މިވަގުތު އޮތީ އިޓަލީ ލީގުގެ ހަތްވަނައިގައެވެ. އަންނަ ހަފުތާ އޮންނަ ޗެމްޕިއަންސް ލީގު މެޗުގައި ރެއާލް މެޑްރިޑާ ދެކޮޅަށް އެ ޓީމު ކުޅުމުގެ ކުރިން ލީގުގެ ދެ މެޗެެއް ކުޅޭނެއެވެ. އެއީ މިރޭ ޔުޑިނީސްއާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ ހޮނިހިރު ދުވަހުގެރޭ ލެއްޗޭއާ ދެކޮޅަށް ކުޅޭ މެޗެވެ.