ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަމަލު ކުރެއްވި ގޮތުން ފައިސާގެ އަސްލު ގެއްލުމުގެ ފުރުސަތު އޮތް ކަމަށާއި އެއީ މަނީ ލޯންޑްރިންގެ އަމަލެއް ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާއިރު، އެ މަނިކުފާނަށް ރިޝްވަތު ދިން ކަން ސާބިތުވެ، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.
ހައި ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ކުށްކޮށްގެން ހޯދި ކަމަށް ޝައްކު ކުރެވޭ ފައިސާއެއް އަމިއްލަ އެކައުންޓްތަކުގެ މެދުގައި ފައިސާ ދައުރު ކުރި ނަމަވެސް މަނީ ލޯންޑްރިންގެ ކުށް ފުރިހަމަވާނެ ކަމަށް އެމެރިކާގެ ކޯޓުތަކުން ނިންމާފައިވާ ކަމަށެވެ.
ދައުލަތުން ބުނިގޮތުގައި ޔޫސުފް ނައީމް އަތުން ޔާމީނަށް ލިބިވަޑައިގަތް އެއް މިލިއަން ޑޮލަރު އެ މަނިކުފާނު ލޯންޑާ ކުރެއްވީ ސައްހަ ފައިސާއާ އެއްކޮށްގެން ކަމަށްވާތީ އެއީ މަނީ ލޯންޑްރިންގެ އަމަލެކެވެ.
"ހަގީގަތުގައި ޔާމީން ލޯންޑާ ކުރެއްވި އެއް މިލިއަން ޑޮލަރު، އެ ފައިސާ ގެއްލުމުގެ ފުރުސަތު އެބައޮތް. އެއް މިލިއަން ޑޮލަރަށް ހާހެއްހާ ޑޮލަރު އެއްކޮށްގެން ފުރަތަމަ ޓްރާންސްފާ ކުރީ. އަނެއްކާ ބީއެމްއެލްގައި ހުރި އެކައުންޓަކުން ފައިސާތަކެއް އެއްކޮށްގެން މިހެން ގޮސްފައި،" ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި މަނީ ލޯންޑްރިންގެ ގާނޫނުގައިވާ ގޮތުން އަމިއްލަ އެކައުންޓްގައި ފައިސާ ދައުރު ނުކޮށް ބެހެއްޓި ނަމަވެސް މަނީ ލޯންޑްރިންގެ ކުށް ފުރިހަމަވާނެ އެވެ.
ދައުލަތުން ބުނީ ޔޫސުފް ނައީމަށް އެ ފައިސާ ލިބުނީ ކިހިނެތްތޯ އެއީ އެ މައްސަލާގައި ބަލަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ބަލަން ޖެހޭނީ ޔާމީނަށް އެ ފައިސާ ލިބިވަޑައިގަތީ ރިޝްވަތުގެ ގޮތުގައި ކަން ނުވަތަ ނޫންކަން ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ޔާމީންގެ ވަކީލުން ވިދާޅުވީ ޔާމީނަށް އެއް މިލިއަން ޑޮލަރު ލިބިވަޑައިގަތްއިރު އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއް ކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަން ދައުލަތުން ސާބިތުކޮށް ދޭންޖެހެ އެވެ.
ވަކީލުން ވިދާޅުވި ގޮތުގައި ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުރި އެކައުންޓެއްގައި އެ ފައިސާ ބަހައްޓާފައިވާ ކަމަށާއި އެހެންކަމުން އޭގެ އަސްލު އޮޅުވާލުމަށްޓަކައި ކުރި ކަމެއް ނެތް ކަމަށް ވަކީލުން ވިދާޅުވި އެވެ.
ޔާމީންގެ ވިދާޅުވީ މަނީ ލޯންޑްރިންއަކީ ފައިސާ ހުރި ތަނެއް ނޭނގޭ ގޮތަށް ނުވަތަ ގެއްލޭ ގޮތަށް އަމަލު ކުރުމުން ކަމަށާއި އެކަމަކު ރާއްޖޭގެ ބޭންކްތަކުގެ ތެރޭގައި ދައުރުވާ ފައިސާގެ މައުލޫމާތަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އެނގޭނެ މައުލޫމާތެއް ކަމަށެވެ. އެހެންވެ، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވުމަކީ އަސްލު އޮޅުވާލުން ކަމަށް ނުބެލެވޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އަމިއްލަ އެކައުންޓްތަކުގެ ތެރޭގައި ފައިސާ ދައުރު ކުރާކުރުން މަނީ ލޯންޑްރިންގެ ކުށަކަށް ވާނީ އެކަމުގައި ގާނޫނީ ހިލާފު އެހެން ކަންތައްތަކެއް ހިމެނޭ ނަމަ ކަމަށެވެ.
ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސަލީމެވެ.