ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަށާރަވަނަ ރައްޔިތުން މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރުކަން ކުރެއްވި އަބްޅޯގެ ތާއީދު އޮތީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކަމަށް ވިދާޅުވެއްޖެއެވެ.

އަބްޅޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހަކީ މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހި ފަސްގަނޑުގެ މިނިވަންކަމާއި، އުފާވެރިއަމާން ރާއްޖޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަކީ މާލީގޮތުން މިނިވަން އަދި އިގްތިސޯދީ، އިޖްތިމާޢީ އަދި ޚާރިޖީ ހަމަޖެހުން ގާއިމް ވެފައިވާ ބަޔަކަށް ދިވެހިން ހަދާނެ ކަމަށެވެ.

އަދި ފަހި ދިރިއުޅިމަކަށް މަގުފަހި ވެފައިވާ ތައުލީމީ އަދި އުފެއްދުންތެރި ބަޔަކަށް ހަދާ، އުމްރާނީ ގޮތުން ތަރައްގީވެ، އަސާސީ ހިދުމަތްތައް ތިޔާގި، ޒަމާނީ ތަހުޒީބީ އިންތިޒާމް ތަކަކުން ތަރުތީބު ވެފައިވާ ބަޔަކަށް ދިވެހިން ހަދާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ވެސް އެބައޮތް ކަމަށް ވިދާޅުވިއެވެ.

"ގައުމުގެ ހަމަޖެހުމާއި، ސުލްހަ މަސްލަސްކަން ދެމެހެއްޓުމަށް، 2023 ވަނައަހަރު ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ރައީސް އަށް ތާއީދުކުރުމަށް ނިންމައިފިން. އަޅުގަނޑު ދަނޑަށް މި ނުކުތީ 54 ވަނަ މިނުޓުގައި،" އަބްޅޯ ވިދާޅުވިއެވެ.

އަބްޅޯ އަކީ ޖުމްހޫރީ ޕާޓީގެ މެންބަރަކެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެޕާޓީގެ ފަރާތުން ގާސިމް އިބްރާހީމް ވާދަކުރެއްވި ނަމަވެސް ލިބިވަޑައިގަތީ 5،000އެއްހާ ވޯޓެވެ. އެއާއެކު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ގާސިމް ނިންމެވިއެވެ.

ނަމަވެސް ޕާޓީގެ އާއްމު މެންބަރުން ބޭނުން ކެންޑިޑޭޓަކަށް ތާއީދު ކުރުމަކީ އެ މެންބަރެއްގެ އަމިއްލަ ކަމެއް ކަމަށާއި ނަމަވެސް އެޕާޓީގެ ނަން ބޭނުން ނުކުރުމަށް އެދިވަޑައިގަތެވެ. އެހެންކަމުން ޖޭޕީގެ އިސް ސަފުގައި މަސައްކަތް ކުރެއްވި ގިނަ ބޭފުޅުން މިހާރު ވަނީ ރައީސަށް ތާއީދު ކުރައްވަން ނިންމަވާ އެކަން އިއުލާންކޮށްފައެވެ.

އަދި ބައެއް އެހެން އިސް ބޭފުޅުން ވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް އަލުން ޕީޕީއެމް އަށް ސޮއި ކޮށްފައެވެ.