އުތުރުތިލަފަޅުގައި ސިފައިން ގާއިމު ކުރާ ބަނދަރަށް ހުއްދަ ނުހޯދާ ނޫސްވެރިންތަކެއް ގޮސް، އެ ރަށަަށް އަރަން އުޅުން މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

އުތުރުތިލަފަޅުގައި އޮންނަ އެމްއެންޑީއެފްގެ ސިފަވަރު ބަނދަރަށް ހުއްދަ ހޯދުމެއްނެތި ވަދެ ވީޑިއޯކޮށް، ވިޑިއޯ އާންމު ކޮށްފައި ވާތީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ އިދާރައިގެ ހުއްދަނެތި އުތުރުތިލަފަޅުގައިވާ އެމްއެންޑީއެފްގެ ސަރަހައްދަށް "ދިޔަރެސް" ނޫހުގެ ނޫސްވެރިންތަކެއް މިއަދު ގޮސްފައިވާ ކަމަށާއި، އެތަނަށް އަރަން މަސައްކަތް ކުރުމުން އެކަން ހުއްޓުވުމުން ކަންހިނގާދިޔަ ގޮތް އޮޅޭގޮތަށް ހަގީގަތާ ޚިލާފު ވާހަކަތައް އެ ނޫހުން ފަތުރަމުން އަންނަ ކަމަށެވެ.

ސިފައިންގެ ބޭނުމަށް އުތުރުތިލަފަޅުން ދީފައިވާ ސަރަހައްދު ފިޔަވައި ދެން އޮތް ސަރަހައްދުތަކުން މާލޭގައި ގިނަ ދުވަސްވީ ރައްޔިތުންނާއި ދަފުތަރުގައި ނަން އޮތް މީހުންނަށް ގެވަޅު ދޭން ސަރުކާރުން ނިންމާފައިވާކަން ރޭ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހާމަކުރައްވައިފައެވެ. އެގޮތުން އެ ސަރަހައްދުން ބޮޑުބައެއް އިތުރަށް ހިއްކާ، އިތުރަށް ތަރައްގީކުރަން ނިންމާފައިވާ އިރު، މިވަގުތު އެ ސަރަހައްދުގައި ސިފައިންގެ ބޭނުމަށް ދޫކޮށްފައިވާ ސަރަހައްދަކީ ސިފައިންގެ ފުލް ކޮންޓްރޯލް އޮންނަ ސަރަހައްދެކެވެ.

އެހެން ނަމަވެސް މިއަދުގެ ވަގުތެއްގައި ލޯންޗެއްގައި ނޫސްވެރިންތަކެއް ގޮސް ބަނދަރަށް ވަދެ، ގަވާއިދާ ޚިލާފަށް ވީޑިއޯކޮށް އެތަނަށް އަރަން އުޅުނު މައްސަލައެއް ފެންމަތިވެފައިވާ އިރު، އެމްއެންޑީއެފުން ބުނީ ސިފައިންގެ މަރުކަޒުތަކަކީ ހުއްދަނެތި ވަނުން މަނާ ސަރަހައްދުތަކެއް ކަމަށެވެ. އަދި އެފަދަ ތަންތަނަށް ބަޔަކު ވަންނަން މަސައްކަތްކުރާ ނަމަ އެކަން ހުއްޓުވުމަކީ ސިފައިންގެ މައްޗަށް ގާނޫނު ލާޒިމްކުރާ ކަމެއް ކަމަށެވެ. އެހެން ކަމުން ސިފައިންގެ ބެލުމުގެ ދަށުގައިވާ އުތުރުތިލަފަޅުގެ އެ ސަރަހައްދަށް ބަޔަކު ވަނުމުން އެކަން ހުއްޓުވަން އެތަނުގެ ސެކިއުރިޓީއިން މަސައްކަތް ކޮށްފައިވަނީ އެ އުސޫލުގެ ތެރެއިން ކަމަށެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ އިތުރުތިލަފަޅުގައި އެމްއެންޑީއެފުން ތަރައްގީކުރާ ބަނދަރުގެ މަސައްކަތް ދައްކާލުމަށް މިފަހުން ވެސް އެކަމަށް އެދުނު މީޑިއާތަކަށް ފުރުސަތު ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް މިއަދު އެތަނަށް ވަންނަން މަސައްކަތް ކުރި ނޫސްވެރިންގެ އެ އަމަލަކީ ގާނޫނާއި ގަވާއިދާ ޚިލާފު، ސިފައިންގެ ވާޖިބުތަކާއި މައްސޫލިއްޔަތުތަކަށް ހުރަސްއެޅުމަށް ހިނގާފައިވާ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

ސިފައިންގެ މަރުކަޒުތަކަށް ހުއްދަ ނުހޯދާ ވަނުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ކަމެކެވެ. އަދި އެގޮތަށް ވަންނަ ފަރާތްތައް ހުއްޓުވުމަށް ހަތިޔާރުގެ ބޭނުން ހިފުމަށް ވެސް ސިފައިންނަށް ގާނޫނީ ގޮތުން ހުއްދަ ލިބިގެންވެއެވެ.

އުތުރުތިލަފަޅުގައި ސިފައިންނަށް ބަނދަރަކާއި ޑޮކްޔާޑެއް ހެދުމުގެ މަސައްކަތް ފެށީ މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހު އެވެ. މިމަސައްކަތް ފައްޓަވައިދެއްވީ މިދިޔަ ހަފްތާ ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް އާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.