އުތުރުތިލަފަޅުން އާއްމުންނަށް ގޯތި ދޭން ނިންމާފައިވާ ސަރަހައްދު ހިމެނޭ ޗާޓު އާއްމުކޮށް ދައްކާލައިފިއެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއްމު ކުރެއްވި އެ ޗާޓުން ފެންނަ ގޮތުގައި އުތުރުތިލަފަޅުގައި ސިފައިން ތަރައްގީ ކުރާ ސަރަހައްދު ނުވަތަ ރަށް އޮންނަނީ އާއްމުންނަށް ގޯތި ދޭން ހިއްކާ ސަރަހައްދަށްވުރެ ދުރުގައެވެ.

އުތުރުތިލަފަޅަކީ ބޮޑު ފަޅެކެވެ. އެ ފަޅުން ގޯތި ދިނުމަށް 215 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

މިފަޅަށް ގިރާވަރު އުތުރުފަޅޭ ވެސް ކިޔައެވެ. ރޭ ދަންވަރުގެ ވަގުތެއްގައި ސަރުކާރުން ވަނީ މިތަނުން ގޯއްޗަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފައެވެ.

އެ މިނިސްޓްރީން ރޭ ކޮށްފައިވާ އިއުލާނެއްގައި ބުނީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ޓަކައި ސަރުކާރުން އެކަށައަޅައިފައިވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ގެދޮރުވެރިން" އެ ނަމުގައި ކުރިޔަށްގެންދާ ޕްރޮގްރާމުގެ ތެރެއިން ހިންގާ "ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމަށާއި، "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އިއުލާނުގައި ބުނެފައި ވަނީ ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ގިރާވަރު އުތުރުފަޅުން ކަމަށެވެ. މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5,525,000 އަކަފޫޓެވެ. ގޯތީގެ އަދަދު ކަނޑައެޅޭނީ، ގޯތި ދިނުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމުން ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ