ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރާނަމަ އެ ނިޒާމުގައި ހިމަނަން ފެންނަ ސިފަތައް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމާއި ގުޅޭ މައުލޫމާތު ކަރުދާހެއް މަޖިލީހުން ތައްޔާރުކުރާނެ ކަމަށެވެ. އެ ކަރުދާހަކީ ތަޅުމުން ވޯޓު ލިބިގެން މަޖިލީހުގެ އަގުލަބިއްޔާތާއެކު އެކުގައި ފެންނަ ނުފެންނަ ވޯޓުލުމަށް ފަހިކޮށްދޭނެ ކަރުދާހެއް ކަމަށެވެ.
"އަދި ހަމައެއާއި އެކީގައި މާދަމަ މަޖިލީހަށް ހުށަހަޅާނަންމި ވޯޓު ކަރުދާސް ކޮޅުގައި ލިޔެފައި އޮންނަ އިބާރަތް ކޮޅު. މާދަމާގެ މަޖިލީހަށް މި ދެންނެވި ދެ މަސައްކަތް ހުށަހެޅިގެންދާނެ" ނަޝީދު ވިދާޅުވިއެވެ.
އެއަށް ފަހު ނަޝީދު ވަނީ ހުށަހަޅާ ކަރުދާހުގައި ހުރި މައުލޫމާތުތައް ހިއްސާކުރައްވާފައެވެ. ބަރުލަމާނީ ނިޒާމުގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެ މެމްބަރުންގެ އަގުލަބިއްޔަތުން އިންތިހާބުކުރާ ބޮޑުވަޒީރަކާއި ރައްޔިތުންގެ ސީދާ ސިއްރު ވޯޓަކުން އިންތިހާބުކުރާ ރައީސުލްޖުމްހޫރިއްޔާއެކެވެ. ބޮޑުވަޒީރަކީ ސަރުކާރުގެ އެންމެ އިސްވެރިޔާއަށްވާއިރު ރައިސުލްޖުމްހޫރިއްޔާ އަކީ ދައުލަތުގެ އެންމެ އިސްވެރިޔާއެވެ.
ބަރުލަމާނީ ނިޒާމެއްގައި ސަރުކާރަކީ ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން އުފެދޭ ބަޔެކެވެ. އަދި ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަކީވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ.
މަޖިލީހަށް ހުށަހަޅާ، ބަރުލަމާނީ ނިޒާމުގައި ހިމެނޭ ބައެއް ސިފަތައް:
- ބަރުލަމާނީ ނިޒާމުގައި ދައުލަތް ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރު އޮންނާނީ އެއް ބާރު އަނެއް ބާރާއި ގުޅިފައި
- ވެރިކަން ހިންގުމުގެ ބާރު ލިބިގެންވާނީ ބޮޑު ވަޒީރަށް
- ގާނޫނު ހެދުމުގެ ބާރު ލިބިގެންވާނީ ރައްޔިތުންގެ މަޖިލީހަށް
- އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރު ލިބިގެންވާނީ ހަމައެކަނި ޝަރުއީ ކޯޓުތަކަށް
- ދައުލަތާއި ސަރުކާރުގެ އެންމެ އިސްވެރިޔާ އަކީ ރައީސުލްޖުމްހޫރިއްޔާ
- ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާނީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި ރައްޔިތުންގެ ސީދާ ސިއްރު ވޯޓަކުންނެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވާފައެވެ. އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހަށް ތާއިދުކުރައްވަފާނަންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ އިންތިހާބާ ގުޅޭ ގޮތުން ރައީސް ސޯލިހާ މަޝްވަރާކުރައްވާފައިނުވާ ކަމަށެވެ.