ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުސާރަ ނުދޭ ސްޓާފުންގެ ލިސްޓެއް ހަދައި އެ ލިސްޓް ފުޓުބޯޅައިގެ މައި އިދާރާ، ފީފާއަށް ހުށައަޅަން މަސައްކަތް ފަށައިފިއެވެ.
އެފްއޭއެމްގެ ކަންކަން ބޮއްސުންލައިގެން ގޮސް ފުޓުބޯޅަ ހަލާކުވެފައިވާކަމަށް ބުނެ ފުޓުބޯޅައިގައި ކުރިން މަސައްކަތް ކުރި ގިނަބަޔަކު އެކުވެގެން އުފެއްދި "ސޭވް އެފްއޭއެމް" ކެމްޕޭނުގެ ދަށުން މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން އެފްއޭއެމުން ހަދާފައިވާ ގޯސްތަކާއި، މުސާރަ ނުދީ ތިބި ސްޓާފުންނާއި ކޮންޓްރެކްޓަރުންގެ މައުލޫމާތު ހޯދައި އެކަން ކަމާބެހޭ ފަރާތްތަކަށް ހިއްސާ ކުރުމަކީ އެ ކެމްޕޭނުގެ އެންމެ ބޮޑު އެއް މަސައްކަތެވެ.
އެގޮތުން އެފްއޭއެމުން މިފަހުން މުސާރަ ނުދީ ތިބި ސްޓާފުންގެ މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް މިހާރު ވަނީ މި ކެމްޕޭނުން ފަށައިފައެވެ. މިކަމުގައި އިސްކޮށް ހަރަކާތްތެރިވަނީ އެފްއޭއެމްގެ ރެފްރީސް ޑިޕާޓްމެންޓްގެ ކުރީގެ ހެޑް މުހައްމަދު އަމީޒުއެވެ. އޭނާ ސޭވް އެފްއޭއެމް ގުރޫޕުގައި އެދިފައި ވަނީ އެ އެސޯސިއޭޝަނުން މުސާރަ ނުލިބި ތިބި މުވައްޒަފުންގެ މައުލޫމާތު އެއްކުރުމުގައި އެހީވުމަށެވެ.
"އަޅުގަނޑު މަސައްކަތް މި ކުރަނީ ވީހާވެސް ބޮޑަށް އެފްއޭއެމްގެ ސްޓާފުންގެ މައުލޫމާތު އެއްކޮށް ފީފާ އަށް ހުށަހަޅަން، އެއީ ފީފާ އާއި އޭއެފްސީގެ އެއްބާރުލުމާ އެކު އެފްއޭއެމްގެ ސްޓާފުންނަށް މުސާރަ ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް،" ކުރިން އޭއެފްސީގެ މަރުކަޒީ އޮފީހުގައި ވެސް ރެފްރީންގެ އިސް މަގާމެއް އަދާކުރި އަމީޒު ގުރޫޕަށް ފޮނުވި މެސެޖުގައި ވެއެވެ.
މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެފްއޭއެމްއިން ޓެކްނިކަލް ސްޓާފުންނަށް މުސާރަ ނުދީގެން ބައެއް ސްޓާފުން މިހާރުވެސް ވަނީ އެ އިދާރައިން ކެނޑިގެން ގޮސްފައެވެ. އަދި ބައެއް ސްޓާފުން އެ މައްސަލަ ރާއްޖޭގެ ވަޒީފާއާ ބެހޭ ޓްރިބިއުނަލަށް ވަނީ ހުށައަޅާފައެވެ.
ސޭވް އެފްއޭއެމް ކެމްޕޭނު ގުރޫޕުން މަސައްކަތް ކުރަމުން އަންނަނީ މި ސްޓާފުންގެ މައުލޫމާތުތައް ހޯދައިގެން އެ މައްސަލަ ފީފާއަށް ހުށައަޅާށެވެ.
"އެފްއޭއެމްގައި މަސައްކަތް (ކުރި) އަދި ކުރަމުންދާ، ތިބޭފުޅުންގެ ރަހުމަތްތެރިންނަށް މި ފޯމް ފޯވާޑްކޮށް ފޯމް ފުރުމަށް އެހީވެ ހިތްވަރުދީ،" އަމީޒު އިތުރަށް ލިޔެފައި ވެއެވެ.