ސްޕެނިޝް ލީގުގައި ރޭ ސެލްޓާ ވީގޯއިން ދެ ގޯލު ޖަހާފައިވަނިކޮށް މެޗުގެ ފަހު ވަގުތު ފަހަތުން އަރައި ތިން ގޯލު ޖަހައިގެން ބާސެލޯނާ މުހިއްމު މޮޅެއް ހޯދައިފިއެވެ.
ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗުން ސެލްޓާ އަތުން މޮޅުވީ 2-3 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް މޮޅުވެ ބާސެލޯނާ ވަނީ ވަގުތީ ގޮތުން ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. ފުރަތަމަ މެޗުގައި ޖިރޯނާއާ އެއްވަރުވި މެޗަށްފަހު ދެން އައި ހުރިހާ މެޗަކުން ބާސެލޯނާ މޮޅުވަމުން އައި އިރު، މިރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭ މެޗުން ރެއާލް މޮޅުވެއްޖެ ނަމަ އެ ޓީމު އަލުން އެއްވަނައަށް އަރާނެއެވެ. ރެއާލް ވަނީ މިފަހަރުގެ ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައެވެ.
ރޭގެ މެޗަށް ބާސެލޯނާއިން ނުކުތީ މުހިއްމު ބައެއް ކުޅުންތެރިން ބެންޗުގައި ބަހައްޓައިގެންނެވެ. ޗެމްޕިއަންސް ލީގުގެ ބޮޑު މޮޅަށްފަހު ރަނގަޅަށް އެ ޓީމުން މެޗު ފެށި ނަމަވެސް ކައުންޓާ އެޓޭކުތަކުގައި ސެލްޓާއިން ދިޔައީ ބާސެލޯނާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން އިއާގޯ އަސްޕަސް އޭރިއާ ތެރެއަށް ވަދެ ބާސެލޯނާގެ ކީޕަރު ޓާ ސްޓެގަަން ބޯމަތިން ޗިޕްކޮށްލި ބޯޅަ ކީޕަރު ވަނީ އަތުން ޖައްސައި ސަލާމަތް ކޮށްފައެވެ.
އެކަމަކު އޭގެ އިރަކޮޅެއް ފަހުން ޔާގަން ސްޓްރާންޑް ލާސަން ވަނީ ކައުންޓާ އެޓޭކެއްގައި ސެލްޓާއަށް ލީޑު ނަގައިދީފައެވެ. ބާސެލޯނާގެ ޑިފެންސުން އެ ހާފުގައި ގިނަ ގޯސްތަކެއް ހެދި އިރު، ސެލްޓާއަށް ލަނޑުޖަހާނެ އިތުރު ފުރުސަތުތަކެއްވެސް ލިބުނެއެވެ.
ބާސެލޯނާއިން ވަނީ ދެވަނަ ހާފުގައި ބަދަލުތަކެއްކޮށްގެން ކުޅުން ރަނގަޅުކޮށްފައެވެ. ގިނަ ހަމަލާތަކެއް އެ ހާފުގައި ބާސެލޯނާއިން އުފައްދަމުން ދިޔައިރު، މި ހާފުގައި ސެލްޓާއިން ދިޔައީ ކައުންޓާގައި ނުރައްކާކުރަމުންނެވެ. އެގޮތުން އަސްޕާސް ހުސްކޮށްލާފައި ދިން ޕާހަކުން އަނަސްޓޮސިއޯސް ޑޫވިކާސް ވަނީ ސެލްޓާގެ ދެވަނަ ގޯލެއް ވެސް ޖަހައިފައެވެ.
ސެލްޓާގެ ދެވަނަ ގޯލަށްފަހު އެ ޓީމުގެ ގޭމް މުޅިންހެން ޑިފެންސަށް ބަދަލުކޮށްލިއެވެ. އޭގެ ފައިދާ ނަގައި ބާސެލޯނާއިން ފުލް ގިޔަރުގައި އެޓޭކް ކުރަމުން ދިޔައިރު، މެޗު ނިމެން 10 ވަރަކަށް މިނަޓަށް ވެފައިވަނިކޮށް ރޮބާޓް ލެވަންޑޮސްކީ ވަނީ ބާސެލޯނާއަށް ގޯލެއް ޖަހައިދީފައެވެ. އަދި އޭގެ ތިން މިނަޓުފަހުން ލެވަންޑޮސްކީ އޭނަގެ ދެވަނަ ގޯލު ޖެހި އިރު، މާގިނައިރުތަކެއް ނުވަނީ ޔާއޯ ކަންސެލޯ ވަނީ ބާސެލޯނާގެ ތިންވަނަ ގޯލު ޖަހައިދީ މެޗުގެ ނަތީޖާ އަނބުރާލައިފައެވެ.
ރޭގެ މޮޅަކީ ބާސެލޯނާގެ ކޯޗު ޒަވީއަށް ހާއްސަ މޮޅެކެވެ. މިދިޔަ ހުކުރު ދުވަހު ބާސާގެ ކޮންޓްރެކްޓް ޒަވީ ވަނީ އާ ކޮށްފަ އެވެ. މިދިޔަ ސީޒަންގެ ލަލީގާގެ ތަށި އެ ކްލަބަށް ހޯދައި ދިން ކޯޗު ކޮންޓްރެކްޓް އާ ކުރީ 2025 ގެ ނިޔަލަށެވެ. އަދި އެހެންމެ ރޭގެ މޮޅަކީ ކޯޗެެއްގެ ގޮތުގައި ޒަވީގެ 50 ވަނަ ބާސެލޯނާ މޮޅެެވެ.