ސަރުކާރުގެ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލައިފިއެވެ.

ހައުސިން މިނިސްޓްރީން މިރޭ ވަނީ ގޯއްޗާއި ފްލެޓާއި ގުޅޭ އުސޫލު އާއްމު ކޮށްފައެވެ.

އެ މިނިސްޓްރީން މިރޭ ކޮށްފައިވާ އިއުލާނެއްގައި ބުނީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ޓަކައި ސަރުކާރުން އެކަށައަޅައިފައިވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ގެދޮރުވެރިން" އެ ނަމުގައި ކުރިޔަށްގެންދާ ޕްރޮގްރާމުގެ ތެރެއިން ހިންގާ "ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމަށާއި، "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އިއުލާނުގައި ބުނެފައި ވަނީ ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ގިރާވަރު އުތުރުފަޅުން ކަމަށެވެ. މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5,525,000 އަކަފޫޓެވެ. ގޯތީގެ އަދަދު ކަނޑައެޅޭނީ، ގޯތި ދިނުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމުން ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ގޯތި ދޫކުރުމުގެ އުސޫލުގައިވާ ބައެއް މާއްދާތައް:

(ހ) އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ، 1,250 އަކަފޫޓެވެ.

(ށ) ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަނުގައި އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެއެވެ.

(ނ) 7 މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ، ޖުމުލަ 4,000 އަކަފޫޓެވެ.

ހައުސިން މިނިސްޓްރީން ބުނީ ގޯއްޗަށް އެދެވޭނީ ދިވެހި ރައްޔިތުންނަށް ކަމަށާއި އަދި އުމުރުން 18 އަހަރު ފުރެން ޖެހޭނެ ކަމަށެވެ. "ބިންވެރިޔާ" ސްކީމުން ނުވަތަ "ވެށިފަހި މާލެ ޕްރޮގްރާމް" ގެ ދަށުން ގޯއްޗެއް ލިބިފައި އޮވެގެން ނުވާނެ ކަމަށެވެ.

މީގެއިތުރުން ގޯއްޗަށް އެދި ހުށަހަޅާ ފަރާތަކީ މާލޭގައި ދިރިއުޅޭތާ، މަދުވެގެން 20 އަހަރު ވެފައިވާ، ނުވަތަ އެއްވެސް އިރެއްގައި މާލެ ނޫން އެހެން ރަށެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ހިމެނިފައި ނުވާ މީހަކަށް ވާންޖެހެއެވެ.

މާލޭ ސަރަޙައްދުން 600 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ލިބިފައި އޮވެގެން ނުވާނެ ކަމަށާއި އަދި ރަޖިސްޓްރީވެފައި ވެސް އޮވެގެން ނުވާނެ ކަމަށް ހައުސިން އިން ބުންޏެވެ.

ފުލެޓަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް

1. މާލޭގެ ރައްޔިތެއް ކަމުގައި ވުން.

2. އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައި ވުން.

3. މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރު ވެފައިވާ ފަރާތެއް ކަމުގައި ވުން (ހަމައެކަނި މައި އެޕްލިކަންޓް) ނުވަތަ މާލޭގައި މެދުނުކެނޑި ދިރިއުޅެމުންގެންދާތާ 15 އަހަރު ވެފައިވާ ފަރާތެއް ކަމުގައި ވުން (ހަމައެކަނި މައި އެޕްލިކަންޓް)

4. އެޕްލިކަންޓާއި ކޯ އެޕްލިކަންޓަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ނުވުން.

5. އެޕްލިކޭޝަން ހުށަހަޅާ ފަރާތަކީ މާލެ ސިޓީން (ޕްރައިވެޓް ރިއަލްއެސްޓޭޓް މާކެޓުން) 600 އަކަފޫޓުގެ ނުވަތަ އެއަށްވުރެ ބޮޑު ހައުސިންގ ޔުނިޓެއް/ބިމެއް ގަނެފައިވާ، ނުވަތަ ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށައިފައިވާ ފަރާތެއް ކަމުގައި ނުވުން. (އެޕްލިކަންޓް/ކޯ އެޕްލިކަންޓް).

6. މި އެޕްލިކޭޝަން ހުށަހަޅާ ތާރީޚުގައި މައި އެޕްލިކަންޓުގެ ގޮތުގައި ހިމެނޭ ފަރާތް، ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި، މާލެ ސިޓީގައި ދިރިއުޅުމަށް ހޯދައިފައިވާ 600 އަކަފޫޓުގެ ތަނެއް ނުވަތަ އެއަށްވުރެ ބޮޑު ތަނެއް އެއްވެސް މީހަކަށް ދީފައިވާ ނުވަތަ ވިއްކައިފައިވާ ފަރާތެއް ކަމުގައި ނުވުން. (އެޕްލިކަންޓް/ކޯ އެޕްލިކަންޓް).