ފުޓުބޯޅައިގެ އެންމެ މަތީ ލެވެލްގައި އަދިވެސް ގިނަ އަހަރުތަކެއް ކުޅޭނެ ކަމުގެ ސިގްނަލެއް ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ދީފިއެވެ.
ސައުދީ ޕްރޯ ލީގުގައި ރޭ އަލް އަހްލީއާ ދެކޮޅަށް ކުޅުނު މެޗުން އަލް ނަސްރު މޮޅުވީ 4-3 ގެ ނަތީޖާއަކުންނެވެ. އެ މޮޅާއެކު އަލް ނަސްރުން އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް މޮޅުވެ ތާވަލުގެ ފަސްވަނައިގައި އޮތް އިރު، އެ މެޗުން އެ ޓީމު މޮޅުކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ 39 އަހަރުގެ ރޮނާލްޑޯއެވެ.
ޔޫރޮޕުގައި ބޮޑެތި ކާމިޔާބީތަކަށް ހޯދި ރޮބާޓް ފިރްމީނިއޯއާއި ރިޔާދު މަހްރޭޒް ފަދަ ކުޅުންތެރިންގެ ޓީމެއް އޮތް އަލް އަހްލީއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދެއްކި ރޮނާލްޑޯ އަލް ނަސްރުގެ ފުރަތަމަ ގޯލާއި ތިންވަނަ ގޯލު ޖަހައިދިން އިރު، ބާކީ ދެ ގޯލު އެ ޓީމަށް ޖަހައިދިނީ ޓަލިސްކާއެވެ. މިއީ ރޮނާލްޑޯ މިފަހަރުގެ ސީޒަނުގައި އަލް ނަސްރު ކުޅުނު 14 މެޗުގައި ޖެހި 15 ވަނަ ގޯލެވެ.
ރޭގެ މެޗަށްފަހު ރޮނާލްޑޯ ބުނީ އޭނާއަކީ އޮއްސިފައިވާ ތަރިއެއްގެ ގޮތުގައި ބަޔަކު ސިފަ ކުރި ނަމަވެސް އެއީ ދޮގެއްކަން ކޮންމެ މެޗެއްގައި އެބަ ސާބިތުކޮށްދެވޭ ކަމަށެވެ. އަދި އޭނާ އަދިވެސް ފުޓުބޯޅަ ދެކެވާ ލޯތްބަަށް ބަދަލެއް ނާންނަ ކަމަށާއި، ގޯލު ޖެހުމަކީ އޭނާއަށް އެންމެ މުހިއްމު އެއް ކަންތައް ކަމަށެވެ.
"މީހުން ބުނޭ އަހަރެންނަކަށް ދެން ނުވާނެއޭ. އެކަމަކު އެއީ ދޮގެއްކަން މި ސާބިތުކޮށްދެނީ. އަދިވެސް އަހަރެންނަށް ވާނެކަން އިނގޭ. ފުޓުބޯޅައާއި ގޯލު ޖެހުމަށް އޮތް ލޯތްބަށް ބަދަލެއް ނާދޭ،" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ބުނީ އޭނާގެ ފައި "ދެން ރޮނާލްޑޯއަކަށް ނުވާނޭ" ބުނަންދެން އޭނާ ކުޅޭނެ ކަމަށެވެ.
މިދިޔަ ސީޒަނުގައި އެއްވެސް ތަށްޓެއް ނުލިބި އަލް ނަސްރުން ސީޒަން ނިންމާލި ނަމަވެސް މި ސީޒަނުގައި އެ ޓީމުގެ ފަރާތުން ފެންނަނީ އުންމީދީ ކުޅުމެކެވެ. ސާޑިއޯ މާނޭއާއި ރޮނާލްޑޯގެ ޕާޓްނާޝިޕްގެ ދަށުން އެކުލަބު ވަރުގަދައަށް އޮތް އިރު، ލީގުގެ ފުރަތަމަ ދެ މެޗުން ލިބުނު ބައްޔަށް ފަހުން އަންނަނީ ހުރިހާ މެޗަކުން މޮޅުވަމުންނެވެ.