ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ ސިއްހީ ހާލު ހުރި ގޮތުން ބޭސްފަރުވާ ކުރުމަށް ރާއްޖެ އިން ބޭރަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

އަދީބު ރާއްޖެ އިން ބޭރަށް ފުރުމުގެ ހުއްދަ ދެއްވީ މީގެ ދެމަސް ކުރިންނެވެ.

ބޭސްފަރުވާ އަށް އަދީބު ވަޑައިގަތީ ސިންގަޕޫރަށެވެ. ތިން ފަހަރެއްގެ މަތިން ރާއްޖެއިން ބޭރުގައި ހުރުމަށް އަދީބަށް މުއްދަތު އިތުރު ކޮށްދިނެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ސާބިތުވެ އޭނާގެ މައްޗަށް 2020ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހު ވަނީ 20 އަހަރުދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ހުކުމް ކުރުމުގެ ތިން ދުވަސް ކުރިން އަދީބުގެ ބަލި ހާލަތު ހުރި ގޮތުން އޭނާ ގެއަށް ވަނީ ބަދަލުކޮށްފައެވެ.

އަދީބަށް ކޮށްފައިު ވަނީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

އަދީބަށް ކުރި ހަތް ދައުވާ އަށް ކަނޑައެޅި އަދަބުތައް:

1) ހިޔާނާތުގައި ބައިވެރިވުމުގެ ދައުވާ: ހަތަރު އަހަރާއި ނުވަ މަހާއި ދެ ދުވަސް

2) ހިޔާނާތުގައި ބައިވެރިވުމުގެ ދައުވާ: ދެ އަހަރާއި ހަތަރު މަހާއި 24 ދުވަސް

3) މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުން: ހަ މަސް ދުވަހަށް ޖަލަށް

4) ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުން: ތިން މަސް ދުވަހަށް ޖަލަށް

5) މަނީ ލޯންޑާކުރުން: ފަސް އަހަރާއި 11 މަހާއި ހަ ދުވަހަށް ޖަލަށް ލުމާއި އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުން،

6) މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުން: އެއް މަހާއި 15 ދުވަހަށް ޖަލަށް

7) މަނީ ލޯންޑާކުރުން: ފަސް އަހަރާއި 11 މަހާއި 12 ދުވަހަށް

އަދީބު ވަނީ މީގެކުރިން ކުރެވުނު ކުށްތަކަށް ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދިފައެވެ.

އަދީބު ވަނީ އެމްއެމްޕީއާރްސީ މައްސަލާގައި ދައުލަތަށް އޭނާގެ ފަރާތުން އެއްބާރުލުން ދެމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.