ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ދިވެހިންނަށް ފެންނާނީ އަނިޔާވެރިކަން ކަމަށް ބުނަމުން އަންނާތީ އެކަމަށް އެމަނިކުފާނު ރައްދު ދެއްވައިފިއެވެ.
ބ. ކަމަދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވަނީ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ކަމަށެވެ.
ބަޔަކަށް އަނިޔާ ކުރުމަކީ ޖިސްމާނީ ގޮތުން މީހެއްގެ ހަށިގަނޑަށް ލިބޭ އަނިޔާއެއް އެކަނި ނޫން ކަމަށާއި ނަފްސާނީ ގޮތުން ވެސް މީހުންނަށް އަނިޔާވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން ރަށްރަށުގައި ޒުވާނުންނަށް ވަޒީފާ ދިނުމަށްފަހު ބިރު ދެއްކުމަކީ ވެސް އަނިޔާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިއަދުގެ ސަރުކާރުން ފެނިގެން ދަނީ އެފަދަ މަންޒަރުތަމެއް ކަމަށް މުއިއްޒު ސިފަ ކުރެއްވިއެވެ.
'ސިޔާސީ ގޮތުން އަޅުގަނޑަށް ތާއީދުކޮށްފިނަމަ ވަޒީފާއިން ވަކިކުރާނެ ކަމަށް ބުނެ ނަފްސާނީ އަނިޔާ އެބަދޭ،" މުއިއްޒު ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ސަރުކާރުވާނީ ރައްޔިތުން އެދޭފަދަ އިންސާފުވެރި ޢަދުލުވެރި އަނިޔާވެރިކަން ނިމުމަކަށް ގެނުވިފައިވާ ހިތްހަމަޖެހުމާއި އުފަލާއިއެކު ދިރިއުޅުން އާރާސްތުކުރެވޭ ވެރިކަމަކަށް.
ޑރ. މުހައްމަދު މުއިއްޒު
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދަރަނީގެ މައްޗަށް ދަރަނި ނަގަމުން އަންނަ ކަމަށް ވިދާޅުވެ، މުއިއްޒުގެ ވާހަކަފުޅުގައި ވަނީ ލޯން އެގްރީމަންޓްތަކުގައި ހުންނަ އިންޓްރެސްޓް ރޭޓްތަކާއި އަނބުރާ ދައްކަންޖެހޭ މުއްދަތު ހާމަކުރުމަކީ ވެސް ގައުމީ ސަލާމަތަށް ނުރައްކާވާކަމަށް ބުނެ ސަރުކާރުން އެކަންކަން ސިއްރު ކުރާތީ ފާޑު ވިދާޅުވެފައެވެ.
މި ގައުމަކީ ކޮންމެ ރައްޔިތެއްގެ ވެސް ގައުމު ކަމަށާއި ގައުމުގެ ކަންކަން މިހާ ހިސާބަށް ދިއުމުން ވިސްނަން ޖެހޭނީ ގައުމީ ވިސްނުމަކުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.