ކުރިއަށް އޮތް ތަނުގައި ވެސް އެމްޑީޕީގެ ޕޯޑިއަމްގައި ހުންނަވާނެ ކަމަށް، އެ ޕޯޑިއަމުގައި އަލަށް ވާހަކަފުޅު ދެއްކެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޒްވައިޒަރު، އަދި ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ހުވަދޫ ޖަގަހަ މާވެޔޮ މަގުގައި ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގައި 10 އަހަރު ހޭދަ ކުރެއްވި އިލްހާމް ވިދާޅުވީ މީގެ ތިން ދުވަސް ކުރިން ރައީސް ސާލިހާ ބައްދަލު ކުރެއްވި ކަމަށާއި އެމަނިކުފާނު ބޭނުންފުޅުނަމަ، އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ދެންނެވި ކަމަށެވެ.

އިލްހާމް މިރޭ އެންމެ ފުރަތަމަ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އެމްޑީޕީގެ މޯޑިއަމުން ފެނިގެންދާނެ ކަމަށް "ހީވާ" ކަމަށެވެ. ނަމަވެސް ފަހުން ވިދާޅުވީ އެ ޕޯޑިއަމްގައި ހުންނެވީ "ދާއިމަށް" ކަމަށެވެ.

އިލްހާމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އަނިޔާ ލިބުނު އާއިލާއެއްގެ އެއްވެސް މީހަކު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ނުދެއްވާނެ ކަމަށެވެ. ސަބަބަކީ އެ ބޭފުޅުން އަލުން ވެރިކަމަށް އަންނަން އުޅެނީ މީހުންނަށް އަނިޔާކޮށް، ބަދަލު ހިފުމަށް ކަމަށް އިލްހާމް ވިދާޅުވިއެވެ.

"އެ އަނިޔާ ލިބުނު އެއްވެސް މީހަކު ޕީޕީއެމަށް ވޯޓު ނުދޭނެ. އެހެން ވީމަ މި ޕޯޑިއަމަށް އަންނަން ޖެހުނީ،" އެމްޑީޕީގެ ޕޯޑިއަމްގައި ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން އިލްހާމް ވިދާޅުވިއެވެ.

އިދިކޮޅު ކެންޑިޑޭޓް، މުއިއްޒުގެ ވެރިކަމުގައި ބޮޑެތި މަގާމުތައް ދޭނެ ކަމަށް ބުނެ، ހުށަހެޅި ކަމަށާއި އޭގެ ޖަވާބުގައި "ސޮރީއޭ" ވިދާޅުވެފައިވާނެ ކަމަށް އިލްހާމް ވިދާޅުވިއެވެ.

އިލްހާމަކީ ޕީޕީއެމްގައި ހުންނެވިއިރު، އެމްޑީޕީއަށް އަމާޒުކޮށް ހޫނު ރައްދުތަކެއް ދެއްވި ބޭފުޅެކެވެ. އެކަމަށް އިޝާރާތްކޮށް އިލްހާމް ވިދާޅުވީ ކުރިން ދެންނެވިފައިވާ ވާހަކަތަކަށް އެމްޑީޕީ މެމްބަރުންގެ ކިބައިން، މައާފަށް އެދިވަޑައިގަންނަވާ ކަމަށް އިލްހާމް ވިދާޅުވިއެވެ.

ރައީސް ސާލިހަށް ތާއިދު ކުރެއްވިކަން އިލްހާން ހާމަކުރެއްވީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައެވެ. އިލްހާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހަށް ތާއިދުކުރައްވަން ނިންމެވީ ގައުމު މިއަދު މިއޮތް ހާލަތަށް ބަލައި، އަނިޔާވެރިކަމާއި ބަދަލުހިފުމުގެ ރޫހު މާޒީން ފެނިފައިވާތީ، އަދި ބަދަލު ހިފުމުގެ ގޮތުން ކަންކަން ކުރާނެކަމަށް މިހާރުވެސް ބުނަމުންދާތީ އެފަދަ ބަޔަކު ވެރިކަމަށް އައިސްފިނަމަ ނުކުންނާނެ ނަތީޖާއާމެދު ވިސްނައި، ސިޔާސީ ބޭފުޅުންނާއި އަދި އެހެނިހެން ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކަމަށެވެ.