ރާއްޖޭގެ ވެރިކަންކުރާ ނިޒާމާ ގުޅޭ ގޮތުން ވޯޓެއް ނެގުމަށް މާ ކުރިންވެސް އޮތީ އެއްބަސްވެވިފައި ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ނިޒާމީ ވޯޓެއް ނެގުމަށް ގޮވާލައި، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު، ހުށަހަޅާފައިވާ ގަރާރު މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ނިޒާމީ ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގައި މަޖިލީހުން ދެންނެވުމަށް ގަރާރަށް ވަނީ ބަދަލު ގެނެސްފައެވެ. މަޖިލީހުން އެ ގަރާރު ފާސްކުރީ އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެމްބަރުންގެ ތާއިދާ އެކު، 35 މެމްބަރުންގެ ވޯޓުންނެވެ.
މާފަންނުގައި މިއަދު ކުރިއަށް ކުރިއަށް ގެންދިޔަ "ޑޯޓުޑޯ" ހަރަކާތުގެ ތެރެއިން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ނިޒާމީ ޑިމޮކްރެޓުން، އެމްޑީޕީން ވަކިވުމުގެ ކުރިން އެމްޑީޕީގެ ތެރޭގައި އެކަމާއި ގުޅޭ ގޮތުން ވާހަކަދެކެވިފައިވާ ކަމަށެވެ.
"އޭރުވެސް އަޅުގަނޑު ދެންނެވިން އެހާ ބޮޑަށް ތިބޭފުޅުން އެދިވަޑައިގަންނަވާ ކަމަށްވަންޏާ ރައްޔިތުންގެ ވިސްނުން ހުރި ގޮތް ބަލައި ރިޔާސީ އިންތިހާބަށް ފަހު ރިފަރަންޑަމަކށް ދިޔުން އަޅުގަނޑުމެންގެ މާބޮޑު މައްސަލައެއް ނެތް،" ރައީސް ވިދާޅުވިއެވެ.
"މީ ކުރިން ނުދެކެވޭ ވާހަކައެއް ނޫން. ކުއްލިއަކަށް ނިމުނު ކަމެއް ނޫން" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ނިޒާމީ ވޯޓާ ގުޅޭ ގަރާރު އެމަނިކުފާނަށް ލިބިވަޑައިގަތުމުން އެކަން ކުރިއަށް ގެންދަން އީސީގައި ދަންނަވާނެ ކަމަށެވެ. ޑިމޮކްރެޓުން ވަނީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދުނުކުރަން ނިންމާފައެވެ.
އެ ޕާޓީގެ ތާއިދު ނުލިބުމަކީ ގޮންޖެހުމެއްތޯ "ހަތާވީސް" އިން ސުވާލުކުރުމުން ރައީސް ވިދާޅުވީ "އެންމެންގެ ތާއިދު ލިބުނު ނަމަ އަޅުގަނޑަށް މިއަށްވުރެ ފަސޭހަވާނެ،" ކަމަށެވެ. ނަމަވެސް ޑިމޮކްރެޓުންގެ ގިނަ އަދަދެއްގެ މެމްބަރުން އެމްޑީޕީއާ ގުޅެމުންދާ ކަމަށެވެ. "އެއާ އެކީގައި މި އިންތިހާބު ދެވަނަ ބުރުގައި ކާމިޔާބުކުރަން އަޅުގަނޑުމެންނަށް ފަސޭހަވެގެންދޭ،" ރައީސް ވިދާޅުވިއެވެ.