ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ނިޒާމީ ވޯޓެއް ނެގުމަށް ގޮވާލައި، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު، މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު މުޅި މަޖިލީހުން ކޮމެޓީން ދިރާސާކޮށް ނިންމައި، މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ.

ގަރާރު ފާސްކުރީ މަޖިލީހަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 31 މެމްބަރުންގެ ވޯޓުންނެވެ. މަޖިލީހުގައި އެ ވަގުތު 34 މެމްބަރުން ތިއްބެވިއެވެ. ތިން މެމްބަރަކު ވޯޓުގައި ބައިވެރިއެއް ނުވެއެވެ.

ނިޒާމީ ވޯޓުގެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދަނީ ދަ ޑިމޮކްރެޓްސް އާއި އެމްޑީޕީ ގުޅިގެންނެވެ. މި ދެ ޕާޓީ ގުޅިގެން ކުރިއަށް މި ދަނީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޑިމޮކްރެޓްސްގެ ތާއިދު ރައީސް ސާލިހު ބޭނުންވެފައިވަނިކޮށެވެ.

ނިޒާމީ ވޯޓަކަށް ދާން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވެގެންނެވެ. ރައީސް ސާލިހަށް ދެ ވަނަ ބުރުގައި ތާއިދު ކުރަން ޑިމޮކްރެޓްސް އިން ހުށަހަޅާފައިވާ ހަމައެކަނި ޝަރުތަކީ ނިޒާމީ ވޯޓު ނެގުމެވެ.

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ގުޅޭ ގަރާރު ދިރާސާ ކުރި މުޅި މަޖިލީހުގެ ކޮމެޓީގެ ކޯރަމް ގެއްލި، އެ ކޮމެޓީގެ މަސައްކަތަށް ހުރަސް އެޅުނެވެ. އެގޮތުން ހެނދުނު 9:00ގައި ޖަލްސާ ފެށުމަށްފަހު، ކޮމެޓީއަށް ދާން އުޅުމުން އެ މަސައްކަތް ނުކުރެވި ދެ ގަޑިއިރު ހޭދަވިއެވެ. ކޯރަމް ހަމަވެގެން ކޮމެޓީގެ މަސައްކަތް ފެށުނީ 11 ޖެހިފަހުންނެވެ.

އަދި މެންދުރު ދަންފަޅި ކުރިއަށް ދަނިކޮށް ވެސް ކޮމެޓީ ހުއްޓާލަން ޖެހުނެވެ. އޭގެ ފަހުން، މެންދުރުފަހު ދަންފަޅީގައި ވެސް، ކޯރަމް ގެއްލުނެނެވެ.

"އެނގިވަޑައިގަންނަވާނެ މި ހިސާބަށް މި މަސައްކަތް ގޮސްފައި މި އޮތީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މަޝްވަރާއާ އެކުގައި. އަޅުގަނޑު ހިތުން މަޝްވަރާތައް ނިމުނީ. ދެން އަޅުގަނޑުމެން މިކަން ހުއްޓާފައި ގެެއަށް ގޮސް، އެ ޕާޓީއަކުން ބޭނުން ގޮތަކަށް އަމަލު ކުރަން އެ ޕާޓީއަކުން ނިންމާން ވީ،" ކޯރަމް ގެއްލޭތީ، ނަޝީދު ވިދާޅުވެފައިވެއެވެ.