މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ އެހެން ރަށްރަށުގެ މީހުންނަށް ގޯއްޗާއި ފްލެޓް ދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވައުދުވެވަޑައިގެންފިއެވެ.
މާލޭގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ރައީސް ވިދާޅުވީ މާޒީގައި ކަންހިނގާފައިވާ ގޮތާއި މެދު ވިސްނަން ޖެހޭ ކަމަށެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ކުރެއްވި ދުވަސްވަރުގެ ހަނދާންތައް އާކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ވެރިކަން ބަދަލުކުރީ އޭރު ރާއްޖޭގައި އޮތް އަނިޔާވެރިކަމާއި ބިރުވެރިކަމުން އަރައިގަންނަން ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ރާއްޖެއަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ކަމަށާއި މި ފަސް އަހަރުގެ ތެރޭގައި ރާއްޖެ ތަރައްގީކުރަން ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ. ގިނަ ރަށްތަކުގައި އަސާސީ އެއްވެސް ހިދުމަތްތަކެއް ފޯރުކޮށް ދީފައިނުވާ ކަމަށާއި އެކަން ކުރަން ޖެހުނީ މި ސަރުކާރުން ކަމަށް ވިދާޅުވިއެވެ.
''152 ރަށުގައި ކަރަންޓުގެ ހިދުމަތް އަލުން އަޅުގަނޑުމެން ގާއިމްކުރަން ޖެހުނު... 141 ރަށެއް ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރަން ޖެހުނު، 125 އަށްވުރެ ގިނަ ރަށުގެ ލަފާ ފުރުމުގެ ދަތިކަން ހައްލުކުރަން ޖެހުނު. 128 އަށްވުރެ ގިނަ ރަށަށް އެމްބިއުލާންސް ފޮނުވަން ޖެހުނު" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވަ އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަން ކަމަށާއި އަދި ލިބޭ އާމްދަނީން ހަމަ ޖެހިގެން ދިރިއުޅެވޭނެ ގޮތެއް ނެތުން ކަމަށެވެ.
މާލޭގެ ރަށްވެހިންނަށް 19،842 ގޯތި މި ސަރުކާރުން ދީފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ފްލެޓަށް ކުރިމަތިލާން ހުޅުވާލުމުން 16،923 ފަރާތުން ފްލެޓަށް ކުރިމަތިލާފައިވާ ކަމަށާއި އެ ހުރިހާ އެންމެންނަށް ފްލެޓް ހަމަޖެހިގެންދާނެ ކަމަށެވެ.
"މިއަދުވެސް 4000 ފްލެޓުގެ މަސައްކަތް ކުރިއަށް އެބަދޭ އަނެއް 4000 ފްލެޓުގައި އެއޮތީ ސޮއިކޮށް ނިންމާފައި. ބާކީ އޮތް ބައި ދެވަނަ ދައުރުގެތެރޭގައި ނިންމާނަން" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މާލޭގެ ރައްޔިތުންގެ އިތުރުން މާލޭގައި ގިނަ މުއްދަތަކަށް ދިރިއުޅޭ އެތައް ބަޔަކު އެބަތިބި ކަމަށެވެ. އެ ފަރާތްތަކަށް އަމިއްލަ ރަށުން ގޯތި ހޯދަން ދަތިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އާ ހައުސިން ސްކީމެއް ފަށަން މިއަދު ނިންމާފައިވާ ކަމަށެވެ.
ގާކޮއްޓާއި އަރަބިއްޔާގެ ފްލެޓުތަކުގެ ކުލި ބޮޑު ކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ޑރ މުއިއްޒު ވިދާޅުވުމާއި ގުޅިގެން އެކަމަށް ފާޑުކިޔަމުން ރައީސް ވިދާޅުވީ ކުލި ބޮޑުކުރެއްވީ ހުދު މުއިއްޒު ކަމަށެވެ.
"ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން އެކަން ކުރެއްވި ބޭފުޅަކީ އެއީ. އަޅުގަނޑުމެންގެ ކުރީގެ ސަރުކާރުން ކަނޑައަޅާފައިވާ އަގަށްވުރެ އެތައް ގުނައެއް ބޮޑުކޮށް ގާކޮއްޓާއި އަރަބިއްޔާގެ ފްލެޓުގެ އަގުތައް ކަނޑައެޅީ އެ ބޭފުޅާ" މުއިއްޒަށް ފާޑު ވިދާޅުވެ ރައީސް ވިދާޅުވިއެވެ.