ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ ގުޅޭ ގޮތުން އަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ގޮވާލައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

އިލްޔާސް ހުށަހަޅުއްވި ގަރާރަށް ދީފައިވާ ނަމަކީ "ދިވެހިރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުށަހަޅާ ގަރާރު" އެވެ.

ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށިފަހުން 15 އަހަރުވެފައިވާ ކަމަށް ފާހަގަ ކުރައްވައި އިލްޔާސް ވިދާޅުވީ ކޮންމެ ރިޔާސީ އިންތިހާބެއްގައި ރައްޔިތުން ބޭނުންވާ ކަންތައްތަކަށް ވޯޓު ދިނުމުގެ ބަދަލުގައި ވޯޓު ދޭންޖެހިފައި ވަނީ ވެރިކަން ބަދަލު ކުރަން ކަމަށެވެ.

އޮގަސްޓް 18، 2007 ވަނަ އަހަރު ނެގި ނިޒާމީ ވޯޓަށް އިޝާރާތް ކުރައްވައި އިލްޔާސް ވިދާޅުވީ ނިޒާމީ ވޯޓު ނަގަންޖެހޭ ސަބަބުތަކެއް މިހާރު އެބަހުރި ކަމަށެވެ.

ގަރާރު ހުށަހަޅުއްވާ ސަބަބު:

  • ކޯލިޝަނަކާ ނުލައި ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިފައިނުވުން
  • ވަކި ހިސާބަކުން ކޯލިޝަން ރޫޅި ތަރައްގީއަށް ހުރަސްއެޅުން
  • ކޮންމެ ވެރިކަމެއްގައި ވެސް ސިޔާސީ ބަންދުގައި މީހުން ތިބެންޖެހުން

"އެއިން ކޮންމެ އިންތިހާބަކާ ހަމައަށް އަންނައިރު، ކޮންމެ ވެސް ބަޔަކު ސިޔަސީ ގޮތުން ބަންދުގައި ތިބޭކަމުން، އެ ބައެއްގެ ސަޕޯޓަރުންނާއި އެ ބަޔަކު ނިސްބަތްވާ ޕާޓީތަކުގެ ސަޕޯޓަރުން އަބަދުވެސް މަސައްކަތް ކުރަންޖެހިފައި ވަނީ އަދި ވޯޓުލާންޖެހިފައި ވަނީ މިނިވަންކުރުމުގެ މަގުސަދުގައި ކަމަށްވީ ހިނދު،" އިލްޔާސް ހުށަހެޅުއްވި ގަރާރުގައިވެއެވެ.

"30 އޮކްޓޫބަރު 2023 ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ދިއުމުގެ މައްސަލަ ހުށަހަޅައި، ރައްޔިތުން ނިންމާ ގޮތެއްގެ މަތިން ކުރިއަށް ދިއުމަކީ މުޅި ދިވެހިރާއްޖޭގެ މުސްތަގުބަލަށް އެންމެ ފަހު، އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ، މި ގަރާރު ހުށަހެޅީމެވެ،" އިލްޔާސް ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓުގައި، އިންތިހާބުގައި ވާދަކޮށް ހަތް ޕަސެންޓް ލިބިވަޑައިގެންނެވި އިލްޔާސް ލަބީބު ނޮވެންބަރުގެ ކުރިން ނިޒާމީ ވޯޓު ނަގަން ގަރާރު ހުށަހަޅާފައި މި ވަނީ އެ ވޯޓާ ގުޅޭ ގޮތުން ދެ ތާރީހެއް ޑިމޮކްރެޓްސްއިން މީގެ ކުރިން ހުށަހަޅާފައިވަނިކޮށެވެ. އެގޮތުން މިމަހުގެ 25ގައި އެ ވޯޓު ނެގުމަށް ކުރިން ހުށަހެޅިއެވެ. އަދި އޭގެ ފަހުން ރޭގައި އެ ޕާޓީން ފާސްކޮށްފައި ވަނީ މި މަހުގެ 28 ކުރިން އެ ވޯޓު ނެގުމަށެވެ.