ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި ދަ ޑިމޮކްރެޓްސްގެ އެއްވެސް ބޭފުޅަކަށް އަމާޒުކޮށް "ޗުޕް" ވެސް ވިދާޅުނުވެ، ހުންނެވީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެބޭފުޅުންނާ އެކު، އެއްކޮށް މަސައްކަތް ކުރަންޖެހިދާނެތީ ކަމަށް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

އިންތިހާބުގެ ފުރަތަމަ ބުރުން ނާކާމިޔާބުވި ކެންޑިޑޭޓުންގެ ސަޕޯޓަރުންނާ ވާހަކަ ދައްކަމުން ގެންދަވާ ކަމަށް ފާހަގަ ކުރައްވައި، މިނިސްޓަރު މަހުލޫފު "ރާއްޖެޓީވީ"ގައި ރޭ ވިދާޅުވީ ޑިމޮކްރެޓްސް އިން ރަނގަޅު ނިންމުމަކާ ހިސާބަށް ދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި ހުރިހާ ފޯރިއެއް އަޅުގަނޑުމެންގެ ތެރޭގައި ހިނގައިގެންދިޔައިރު ވެސް، ރައީސް ނަޝީދަށް ވެސް އަދި އެ ބޭފުޅުންނަށް ވެސް 'ޗުޕް' ވެސް ބުނެނުލާ މި ހުރީ ހަމަ މި ދުވަސް ވެސް އައިސްދާނެތީ. އަޅުގަނޑަށް ގަބޫލު ކުރެވުނު އެއްކޮށް މަސައްކަތް ކުރަންޖެހޭނެ ވަގުތު އައިސްދާނެ ކަމަށް. އެހެންވެ އަޅުގަނޑު ޗުޕް ވެސް ބުނެ ނުލަން
މިނިސްޓަރު އަހުމަދު މަހުލޫފް

މިނިސްޓަރު މަހުލޫފު ވިދާޅުވީ އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން ގުޅިގެން މަސައްކަތް ކުރަން ވީ "ކަޅު ބޯ ވިލާގަނޑު"ން ރާއްޖެ ސަލާމަތް ކުރުމަށް ކަމަށެވެ.

"އަލުން އަޅުގަނޑުމެން އެއްކޮށް މަސައްކަތްކޮށް، ރާއްޖޭގެ މައްޗަށް އަރަން އޮތް ކަޅު ބޯ ވިލާގަނޑުން ސަލާމަތްވެ، ދެން އެހެރަ ހިޔާލުތަފާތުވުންތަކުގެ ތެރެއިން ހިޔާލު އެއްގޮތް ކުރެވެން ހުރި ކަންކަމުގައި ހިޔާލު އެއްގޮތްކޮށް ކުރިއަށް ދެވޭނެ ކޮންމެ ވެސް ފޯމިއުލާއެއް ހޯދުން. އެއީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް،" މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި ދެ ފަހަރެއްގެ މަތިން ފުރުއްވެވި މަހުލޫފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުން ނާކާމިޔާބުވި ކެންޑިޑޭޓުންނަށް ވޯޓުދީފައިވާ މީހުންގެ ތެރެއިން ބޮޑު ޕަސެންޓެއް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް މިފަހަރު ލިބިވަަޑައިގަންނަވާނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

ރައީސް ސާލިހުގެ ވެރިކަން ނޫން އެހެން ވެރިކަމެއް ރާއްޖޭގެ ރައްޔިތުން "ކަރުނައަޅާ ރޯނެތަން ދެކޭ ތަކޭނެކަމާމެދު ޝައްކެތް ނުކުރަން،" ކަމަށް މަހުލޫފު ރޭ ވިދާޅުވިއެވެ.

"އެ ހާލަތަށް ގައުމު ނުގެންގޮސް ދެއްވުމަށް. ދެ ވަނަ ބުރު ކާމިޔާބު ކުރާނެކަން ޔަގީން."

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް ވޯޓު ދޭނެ ކަމަށް ޔަގީންވެފައިވާ 30،000އަށް ވުރެ ގިނަ މީހުން ވޯޓުލާފައި ނުވާ ކަމަށް މަހުލޫފު ވިދާޅުވިއެވެ. އެ މީހުން ވޯޓުލާން ނުކުތުމަށް މަސައްކަތް ނުކުރެވޭކަން ފާހަގަކޮށް، މަހުލޫފު ވިދާޅުވީ "ބައިވަރު ކަންތައްތަކެއް އަޅުގަނޑުމެންގެ އަތުން ނައްޓައިގެން ގޮސްފި،" ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ވޯޓުލާން ވަޑައިނުގަންނަވާ ބޭފުޅުން ވެސް އަޅުގަނޑަށް އިނގޭ،" މަހުލޫފު ވިދާޅުވިއެވެ.

"ފުރަތަމަ ބުރުގައި މި ނުކުތް ނަތީޖާއާ ރައްޔިތުން ކަންބޮޑުވެއްޖެއޭ. ބިރުގަނެއްޖޭ. އެ ފުރުސަތު އެހެން އަލުން ދޫކޮށްލަން [ބޭނުން] ނުވާ ކަމަށް ގަބޫލުކޮށް އަޅުގަނޑުމެންގެ ކެންޑިޑޭޓް ރައީސް ސާލިހަށް ވޯޓު ދޭން ތައްޔާރުވާ 25،000 [ހޮނިހިރު ދުވަހުގެ ނިޔަލަށް ރީރަޖިސްޓްރީ ކުރި މީހުން] ރައްޔިތުން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ރާއްޖެޓީވީގެ އެންމެ ދުވަސްވީ އެއް ޕްރޮގްރާމް "ފަލަސުރުހީ"ގައި މިނިސްޓަރު ވިދާޅުވިއެވެ.