ސްޓެލްކޯއާ ގުޅޭ ގޮތުން ދޮގު ހަބަރު ފަަތުރަމުންދާތީވެ އެ ކުންފުނިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި އެ މިކުންފުނިން ފޯރުކޮށްދެމުންދާ ހިދުމަތްތަކަކީ ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގުޅިފައިވާ އަސާސީ ހިދުމަތްތަކެއް ކަމުގައިވުމުން، އެ ހިދުމަތްތައް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް ގެންނަންޖެހޭ އަޕްގްރޭޑްތަކާއި، މެއިންޓަނެންސް ފަދަ ރޭވިގެން ކުރާ މަސައްކަތްތަކާއި ގުޅިގެން ހިދުމަތައް އެއްވެސް ކަހަލަ މެދުކެނޑުމެއް އަންނަ ނަމަ، އެ މަސައްކަތް ހިނގާނެ ވަގުތާއި، ސަރަހައްދާއި، އެ މަސައްކަތައް ހޭދަވާނެ ކަމަށް ބެލެވޭ ވަގުތާއި އެހެނިހެން މައުލޫމާތު ދުރާލާ މިކުންފުނިން ސޯޝަލް މީޑިއާއާއި، މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އަންގަމުން ގެންދާނެ ކަމަށެވެ.

އެ ގޮތާއި ހިލާފަށް މިހާތަނަށް ކުންފުނީގެ މެނޭޖްމަންޓުން އަމަލުކޮށް، އެއްވެސް ސަހަރައްދަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައި ނުވާނެ ކަމުގެ ޔަގީންކަން ސްޓެލްކޯއިން ވަނީ ދީފައެވެ.

"ރިޔާސީ އިންތިހާބާއި ގުޅުވައިގެން "ދިޔަރެސް" ނޫހާއި، "ޗެނަލް 13" އިން މިކުންފުންޏާއި މެދު ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް އަދި، ކުންފުނީގެ ތަސައްވުރު ކިލަނބުވާގޮތަށް ކަނޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކަތަކެއް ފަތުރަމުންދާކަން ވަނީ ފާހަގަ ކުރެވިފައި" ސްޓެލްކޯ އިން ބުނީ އެ ކުންފުނިން ހިޔާ ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން އުޅޭ ކަމަށްބުނެ ބުހުތާނު ދޮގު ހަބަރުތައް ފަތުރަމުންދާ ކަމަށެވެ.

އެ ހަބަރުތަކަކީ، އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާކޮށް ފަތުރަމުންދާ ހަބަރުތަކެއް ނޫން ކަމުގެ ޔަގީންކަން ސްޓެލްކޯއިން ދެއެވެ.

ބިނާކުރަނިވި އަބަދުވެސް މަރުހަބާ ކިޔާ ކަމަށާއި ނަމަވެސް، "ފަހުރުވެރި ދިގު ތާރީހެއް" އޮތް އެ ކުންފުންޏާއި، ކުންފުނީގެ މުވައްޒަފުން ބަދުނާމުކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކާއި ގުޅުވައި ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުމަކީ ކުންފުނިން ބަލައިގަންނާނެ ކަމެއްނޫން ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީއާއި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ނަމަވެސް، ކުންފުންޏާއި ގުޅޭގޮތުން ފަތުރަމުންދާ ހަގީގަތާއި ޚިލާފު ދޮގު ވާހަކަ ތަކަކީ، އެ އަސާސްތަކާއި ކަނޑައެޅިގެން ހިލާފަށް ފަތުރަމުންދާ ވާހަކަތަކެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ.

އެހެންވެ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އަސާސްތަކާއި، އިންތަކާއި މިންތައް، ދެމެހެއްޓުމަށް ސްޓެލްކޯއިން އިލްތިމާސްކުރެއެވެ.