އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުންވެސް ބަލިވެ މެންޗެސްޓާ ޔުނައިޓެޑަށް ގިނަ ފާޑުކިޔުންތަކެއް ކުރިމަތިވެއްޖެއެވެ.
މިފަަހަރުގެ ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޓީމު ކަމަށްވާ ޔުނައިޓެޑުން ޓްރާންސްފާ މާކެޓުގައި ބޮޑެތި ޙަރަދުތަކެއް ވަނީ ކޮށްފައެވެ. އެހެން ނަމަވެސް ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފައެވެ. އެއާއެކު ޓީމުގެ ކޯޗު އެރިކް ޓެންހާގަށް ބޮޑު ޕްރެޝަރެއް ކުރިމަތިވެފައިވާ އިރު، ކުޅުންތެރިންގެ ސްކޮޑުގެ ތެރޭގައި ވެސް ބޮޑެތި މައްސަލަތަކެއް ވަނީ އުފެދިފައެވެ.
ރޭ ލީގުގައި ބްރައިޓަން އަތުން އަމިއްލަ ދަނޑުގައި ޔުނައިޓެޑު ބަލިވީ 1-3 ގެ ނަތީޖާއަކުންނެވެ. މި ބައްޔާއެކު އެ ޓީމު ހަ ޕޮއިންޓާއެކު މިވަގުތު އޮތީ ތާވަލުގެ 13 ވަނައިގައެވެ. އެއްވަނައިގައި ހުރިހާ މެޗަކުން މޮޅުވެގެން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އޮތް އިރު، ދެވަނައިގައި ޓޮޓެންހަމް އޮތީ ފަސް މޮޅާއި އެއްވަރަކާއެކު 13 ޕޮއިންޓާއެކުއެވެ.
ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 20 ވަނަ މިނިޓުގައި ބްރައިޓަން ލީޑު ނެގީ ކުރިން އެޓީމަށް ކުޅުނު ޑެނީ ވެލްބެކް ޖަހައިދިން ގޯލުންނެވެ. ދެވަނަ ހާފު ފެށިގެން އަށްވަނަ މިނިޓުގައި ޕާސްކަލް ގްރޮސް އެޓީމަށް ލީޑު ފުޅާ ކޮށްދިނެވެ. ފުރިހަމަ ވަގުތު ހަމަވާން 19 މިނިޓަށް ވެފައި ވަނިކޮށް ތިންވަނަ ލަނޑު ޖަހައިދިނީ ޔާއޯ ޕެޑްރޯ އެވެ. އޭގެ ދެ މިނިޓް ފަހުން ޔުނައިޓެޑްގެ ހަމައެކަނި ގޯލު ޖަހައިދިނީ ފަހު ހާފުގައި ކުޅެން އެރި ޒުވާން މިޑްފީލްޑަރު ހެނިބަލް މޭޖްބްރީ އެވެ.
ރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޔުނައިޓެޑުގެ ކޯޗު އެރިކް ޓެންހާގު ބުނީ މި ނަތީޖާތަކާއެކު ޔުނައިޓެޑް އަދިވެސް މިޮއތީ އަރައި ނުގަނެވޭ ހިސާބެއްގައި ނޫން ކަމަށެވެ. އަދި ޕްލޭނާ އެއްގޮތަށް ކަންކަން ރަނގަޅު ކޮށްލައިގެން ޔުނައިޓެޑުގެ އަސްލު ފެންވަރަށް ޓީމު އަނބުރާ ގެންދެވޭނެ ކަމަށް ޓެންހާގު ވަނީ ބުނެފައެވެ.
ޔުނައިޓެޑްގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އެންތޮނީއާއި ޖޭޑަން ސަންޗޯ މިވަގުތު ހުރީ ޓީމާއި ދުރުގައެވެ. ގެވެށި އަނިޔާއާއި ރޭޕްގެ ތުހުއްމަތުތަކާއެކު އެންތޮނީ ސަސްޕެންޑްކޮށްފައި ހުރި އިރު، އަހުލާގީ މައްސަލަތަކެއްގައި ސަންޗޯ ވެސް ހުރީ ޓީމުގެ ޕްރެކްޓިހުން ވަކިކޮށްފައެވެ.