އެމެރިކާގެ މޭޖާ ލީގު ސޮކާ، އެމްއެލްއެސްގައި ރޭ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއާ ނުލައި ކުޅުނު މެޗުން އިންޓަ މައިއޭމީ ބޮޑު ބައްޔަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
ރަށުން ބޭރުގައި އެޓްލަންޓާ ޔުނައިޓެޑާ ދެކޮޅަށް ރޭ ކުޅުނު މެޗުން އިންޓަ މައިއޭމީ ބަލިވީ 2-5 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި ބައްޔާއެކު އެމްއެލްއެސްގެ ފައިނަލް ސީރީސްގެ ޕްލޭ އޮފުގައި ކުޅެން އިންޓަ މައިއޭމީއިން ކުރަމުން އަންނަ އުންމީދަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ރޭގެ ބައްޔާއެކު މައިއޭމީ އޮތީ ފުލުން ދެވަނައިގައި 28 ޕޮއިންޓާއެކުއެވެ. އެ ޓީމުން ޕްލޭއޮފް ކުޅެވޭ ޕޮޒިޝަނަކާ ދެމެދު ބާކީ ހަތް ޕޮއިންޓް އޮތް އިރު، ބާކީ އޮތީ ފަސްވަރަކަށް މެޗެވެ.
މެސީ އިންޓަ މައިއޭމީއަށް ބަދަލުވި އިރު، އެ ކުލަބު އޮތީ ތާވަލުގެ ފުލުގައެވެ. އޭގެ ކުރިން ކުޅުނު 11 މެޗުންވެސް މޮޅުނުވެ ލީގުގައި އެއްވެސް އުންމީދެއް ނެތް ޓީމެއްގެ ގޮތުގައި މައިއޭމީ އޮތް ނަމަވެސް މެސީ އައުމާއެކު އެ ޓީމުން ލީގާއި، ލީގު ކަޕުގައި އޭގެ ފަހުން ކުޅުނު 13 މެޗުން ވަނީ ބަލިނުވެ އައިސްފައެވެ. އޭގެ ތެރެއިން 12 މެޗުން މޮޅުވި އިރު، އެއްވަރުވީ އެންމެ މެޗަކުންނެވެ. ރޭގެ މެޗަކީ މެސީ ކުލަބާ ގުޅުނު ފަހުން ބަލިވި ފުރަތަމަ މެޗެވެ.
އެޓްލަންޓާ މޮޅުވި މެޗުގައި އެންމެ ފުރަތަމަ ގޯލު ޖެހީ މައިއޭމީއިންނެވެ. އެ ޓީމުގެ ލިއަނާޑޯ ކަމްޕާނާގެ ހިތްގައިމު ގޯލަކުން މައިމޭމީ ލީޑު ނަގާފައިވަނިކޮށް އެޓްލަންޓާއިން ވަނީ ފަހަތުން އަރައި ތިން ގޯލު އެ ހާފުގައި ޖަހައިފައެވެ. ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ކަމްޕާނާ މައިއޭމީއަށް ފަރަގު ކުޑަކޮށްދިން ނަމަވެސް އެ ހާފުގައި ވެސް އެޓްލަންޓާއިން އިތުރު ދެ ގޯލު ވަނީ ޖަހައިފައެވެ.
އިންޓަ މައިއޭމީއިން މިފަހުން ކުޅުނު ދެ މެޗުގައި ވެސް މެސީ ކުޅެފައެއް ނުވެއެވެ. ކުރީ މެޗުގައި ސްޕޯޓިންގް ކޭއެސްއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ނުކުޅުނީ އާޖެންޓީނާއެކު ވޯލްޑްކަޕް ކޮލިފައިންގް މެޗުތައް ކުޅެން ދާން ޖެހުމުންނެވެ. ރޭގެ މެޗު އޭނާ އަނިޔާގެ ސަބަބުން ކުޅެފައި ނުވާއިރު، އާޖެންޓީނާއިން އެންމެ ފަހުން ބޮލީވިއާއާ ދެކޮޅަށް ކުޅުނު މެޗުވެސް މެސީ ކުޅެފައެއް ނުވެއެވެ.