ވެރިކަމުގެ ނިޒާމުގެ ބަދަލުކުރުމާއި ގުޅޭ ގޮތުން ކުރީގެ ރައީސް ޔާމީނާ ބައްދަލުކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ދަ ޑިމޮކްރެޓުން ބޭއްވި ބައްދަލުވުމުގައިނަޝީދު ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން ޕީޕިއެމް/ޕީއެންސީ އަދި އެމްޑީޕީއާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއްބަސްވުމެއްގައި ސޮއިކުރަން ޕީޕީއެމުން ދެކޮޅު ހަދާފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ދެވަނަ ބުރުގައި މޮޅުނުވެވޭނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަބޫލުކުރެއްވުމަކީ ރާއްޖެއަށް ބޭނުންތެރި ކަމެއް ކަމަށާއި، އެއީ ރައީސް ހޯއްދަވަން ޖެހޭ ވޯޓުގެ އަދަދުވެސް ގިނަވުމުން ކަމަށެވެ.

ނަޝީދު ވިދާޅުވީ އެކަން ގަބޫލުކުރައްވާ ގާނޫނޫ އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ރައީސް ސޯލިހު ޑިމޮކްރެޓުންނާއެކު މަސައްކަތް ކުރުމަކީ ބޭނުންތެރިކަމެއް ކަމަށާއި އެއީ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ގޮތެއް ނިންމުންވެސް ހިމެނޭހެން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނައިރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީނާވެސް މަޝްވަރާކުރެއްވުން މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށާއި ޔާމީނާ ބައްދަލުކުރައްވަން އެދިވަޑައިގެންފައިވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު މަޖިލީހުގެ އަމީން އާންމު އަރިހު ދަންނަވާފައިވާނެ މާދަމާ އަޅުގަނޑު މާފުއްޓަށް ދެވޭތޯ މާފުއްޓަށް ދިޔުމަށް. ރައީސް ޔާމީން އަރިހުގައި ދަންނަވަން ބޭނުންވަނީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަން 25 ވަނަ ދުވަހުގެ ކުރީގައި އެ ވޯޓު ނެގުމުގައި އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތަކަށް އަދި އަޅުގަނޑުމެންނަށް އެހީތެރިވެވެން އޮތް ނަމަ އެ ވާހަކަ" ނަޝީދު ވިދާޅުވިއެވެ.