ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ފެށުން ލަސްކުރާތީ އެ މުބާރާތަށް ކުރިޔާލައި ބޮޑު ޙަރަދެއް ކޮށްގެން ބައިވެރިވާ ކުލަބުތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަކަން ހާމަކޮށްފިއެވެ.

އެފްއޭއެމުން މިއަހަރުގެ ދެވަނަ ޑިވިޝަން ފަށާނެ ކަމަށް ކުރިން އިއުލާން ކޮށްފައި އޮތީ އަންނަ މަހުގެ 1 ވަނަ ދުވަހުއެވެ. އެ ތާރީހަށް މުބާރާތް ފަށާނެ ކަމަށް ބައެއް ކުލަބުތަކުން ބޭރު ކުޅުންތެރިން ގެނެސް، ރާއްޖޭގެ ވެސް ނަން މަޝްހޫރު ކުޅުންތެރިން ބޮޑު އަގުގައި ވަނީ ގަނެފައެވެ. ނަމަވެސް އެ ކުޅުންތެރިންނާއެކު ޕްރެކްޓިސްތައް ފަށައި، މުބާރާތް ބާއްވާ ތާރީހެއް ވުރެން އެތައް ދުވަހެއް ލަހުން މުބާރާތް ފަށަން އެފްއޭއެމުން ނިންމުމުން އެކުލަބުތަކަށް މާލީ ބޮޑު ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ނިއުރޭޑިއަންޓްގެ ޗެއާމަން އަހުމަދު ވާސިފް ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ވަނީ އެކުލަބުން މުބާރާތަށް ވަމުން އައި ތައްޔާރީތަކަށް އެފްއޭއެމްގެ ސަބަބުން ލިބެމުންދާ ގެއްލުންތައް ހިއްސާ ކޮށްފައެވެ. އޭނާ ބުނީ އެފްއޭއެމުން މުބާރާތް ލަސް ކުރާ ސަބަބެއް ނުބުނާ ކަމަށާއި، އެކަމަކު އެއީ މުވައްޒަފުންނަށް މުސާރަ ނުދެވޭތީ އެ މީހުން މަސައްކަތަށް ނުނިކުންނާތީ ދިމާވެފައިވާ ކަމެއްކަން އެނގެން އެބައޮތް ކަމަށެވެ.

"ނިއުރޭޑިއަންޓް އިން މިއަހަރަށް ޓީމް ތައްޔާރު ކުރަން ފެށީ އެފް.އޭ.އެމް އަށް ގުޅާ މުބާރާތުގެ ޝެޑިއުލްކޮށްފައި އޮތް ތާރީހުތައް ބަލާފައި. 1 އޮކްޓޯބަރ ގަ އެފްއޭކަޕް ، 30 އޮކްޓޯބަރ ގަ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އޮންނާނެ ކަމަށް އެފް.އޭ.އެމް ގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓް އިން މަޢުލޫމާތު ދީފައިވޭ. އަޅުގަނޑު މެން ކުރިއްސުރެ ތައްޔާރު ވެ ކުޅުންތެރިންނަށް ބޮޑު މުސާރަ ދީފައި ސޮއި ކުރުވަނީ ، 1 މަސް ކުރިން ޕްރެކްޓިސް ފަށާ މުބާރާތް ކާމިޔާބުކުރުމުގެ އަޒުމުގައި،" ވާސިފްގެ ފޭސްބުކް ޕޯސްޓުގައި އޭނާ ބުނެފައިވެއެވެ.

އޭނާ ބުނީ ކުލަބުތަކުން ޕްރޮޕޯސަލް ހަދައި ސްޕޮންސަރ ހޯދަނީ އެފްއޭއެމުން ޝެޑިއުލްކޮށްފައި އޮންނަ ގޮތަށް 2 މުބާރާތުގަ ކުޅުމަށް އިޝްތިހާރު ޖާރޒީ ގަ ޖެހުމަށް ކަމަށެވެ. އެކަމަކު މިހާރު އެފްއޭއެމް އިން މަޢުލޫމާތު ދީފައިވާ ގޮތުގައި ދެވަނަ ޑިވިޝަން މުބާރާތް ފަށާނީ ނޮވެމްބަރު 20 ގައި ކަމަށާއި އަދި މަޢްލޫމާތު ލިބިފައިވާ ގޮތުގައި އެފް.އޭކަޕް ގައި ކުޅެވޭނީ ހަމައެކަނި މެމްބަރު ކްލަބްތަކަށް ކަމަށް ކަނޑައަޅަން އެފްއޭއެމް ގެ އެގްޒެކްޓިވް ކޮމިޓީގައި ދަނީ މަޝްވަރާކުރަމުން ކަމަށެވެ.

"އެހެންވެއްޖެނަމަ ނިއުރޭޑިއަންޓް އަށް އެފް.އޭ.ކަޕް ނުކުޅެވޭނެ. ދިވެހި ފުޓުބޯޅަ ހަލާކުވެ ފުނޑުފުނޑުވެގެން ދަނީ. ގަވާއިދު ބަދަލުކުރަނީ ހިތުހުރި ގޮތަކަށް. ބަލަ ޒަމާނުއްސުރެން އެފްއޭކަޕް އަކީ ތިންވަނަ ޑިވިޝަންގެ ޓީމްތަކަށް ވެސް ބައިވެރިވޭ މުބާރާތެއް. އެފްއޭއެމް މުވައްޒަފުންނަށް މުސާރަ ނުދޭތީ މުވައްޒަފުން ވަޒީފާއަށް ނުނިކުމޭ. 6 މަސް މުސާރަ ނުލިބޭ މުވައްޒަފުން އެބަތިބި. ނުދަރާ މުވައްސަސާ އެއް ނެތް."

އެފްއޭއެމްގެ ދަރަނީގެ ގިނަ މައްސަލަތަކެއް އޮތް އިރު، ފައިސާ ނެތިގެން މިފަހުން ގައުމީ 23 އަހަރުން ދަށުގެ ޓީމަށްވެސް އޭއެފްސީކަޕް ކޮލިފައިންގްގައި ވާދަކުރުމަށް ފުރޭގޮތެއް ނުވިއެވެ.