ބަންގްލަދޭޝްގައި ކުރިއަށް ދިޔަ ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ފިރިހެނުންގެ ބީޗް ވޮލީބޯޅަ ޓުއާގެ އެންމެ ފަހުގެ ޗެމްޕިއަން ރާއްޖެ އިންޑިއާގެ ޕެއާ އަތުން ބަލިވެ ރިހި މެޑަލް ހޯދައިފިއެވެ.

އިއްޔެ ކުޅުނު ފައިނަލްގައި ރާއްޖޭގެ ގައުމީ ބީޗް ވޮލީބޯޅަ ޕެއާ، އާދަމް ނަސީމް (އެޑަމް) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ވަނީ އިންޑިއާގެ ނިތިން އާއި ރާމާގެ ޕެއާ އަތުން ވަނީ ބަލިވެފައެވެ. ކޮކްސް ބަޒާރުގެ ކަލަޓާލީ ސީ ބީޗުގައި ކުރިއަށް ދިޔަ އެ މެޗުން ރާއްޖެ ބަލިވީ ސީދާ ދެ ސެޓުންނެވެ. އެ މެޗުގައި އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ ބަލިވީ 19-21، 14-21 އިންނެވެ.

ރާއްޖޭގެ އެޑަމް އާއި ކުޑަކާއްޓޭ ފައިނަލަށް ދަތުރު ކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އެގޮތުން ފައިނަލްގައި ވާދަކުރި އިންޑިއާގެ ޕެއާވެސް ގުރޫޕް ސްޓޭޖުގައި ބަލިކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުބާރާތުން ޗެމްޕިއަންކަން ހޯދީވެސް ރާއްޖޭގެ މި ޕެއާއިންނެވެ. އެފަހަރުގެ މުބާރާތުން ރާއްޖެ ރަން މެޑަލް ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.

ގައުމީ ބީޗްވޮލީ ޓީމުގެ ކޯޗަކަށް މިވަގުތު ހުރީ ކުރީގެ ކުޅުންތެރިޔާ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އެވެ. އަދި އެސިސްޓެންޓް ކޯޗަކީ މުހައްމަދު ރިޝަވާނެވެ. މަންކޭ އާއި ރިޝްވާން ވަނީ މިދިޔަ އަހަރު ގައުމީ ޓީމަށް ކޯޗު ކޮށްދިން ބްރެޒިލްގެ ވިނީޝިއުސް މާޓިންގެ އެސިސްޓެންޓުން ގޮތުގައި މަސައްކަތް ކޮށްފަ އެވެ.

ބީޗް ވޮލީބޯޅަ ޓީމަށް ދެން އޮތީ މި މަހު 23ގައި ޗައިނާގެ ހަންގްޒޫ ސިޓީގައި ފަށާ އޭޝިއަން ގޭމްސް އެވެ.