ހަގީގީ ޑިމޮކްރެސީއަކީ މަސްއޫލިއްޔަތުތަކަކާ އެކުގައި ލިބިގެންދާ، ޒިންމާދާރުވާންޖެހޭ މިނިވަންކަން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާއި ގުޅިގެން ރައީސް ސޯލިހް ފޮނުއްވި ހިތާބެއްގައި ވިދާޅުވީ ޑިމޮކްރެސީ ބުނެދޭ ހަގީގަތަކީ، އެ ގައުމެއްގެ އެންމެހައި ކަންކަން ރާވައި ހިންގުމުގެ ހައްގު ލިބިގެން ވަނީ، އެ ގައުމެއްގެ މިލްކުވެރިން ކަމުގައިވާ އެ ގައުމެއްގެ ރައްޔިތުންނަށް ކަމަށެވެ.

ރައްޔިތުންގެ ނަމުގައި އެ ވާޖިބުތައް އަދާކުރާނެ ބަޔަކު އިޚްތިޔާރުކޮށް ކަނޑައެޅުމުގެ ހައްގު ލިބިގެންވަނީވެސް ހަމަ ރައްޔިތުންނަށް ކަމަށާއި މިއަދުގެ ބައިނަލްއަގުވާމީ މުޖުތަމައުގައި ގައުމުތައް ކުރިއަރައި ތަހުޒީބުވަމުން ދިއުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުތަކަކީ ޑިމޮކްރަސީ ބުނެދޭ ހަގީގަތް ކަމަށް ރައީސް ވިދާޅުވިއެވެ.

"އިގްތިސޯދީ ފުދުންތެރިކަމާއެކު ލިބޭ ކުރިއެރުމުގައި، އުފާވެރިކަމާއެކު ރައްޔިތުން ދިރިއުޅޭ މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ތަޅުދަނޑިއަކީ ޒަމާނީ ޑިމޮކްރެސީއެވެ" ރައީސްގެ ހިތާބުގައިވެއެވެ.

އެ އުފާވެރިކަން ރައްޔިތުންނަށް ލިއްބައިދެނީ، ދައުލަތުގެ ފަރާތުން ފޯރުކޮށްދޭ އެންމެހައި ހިދުމަތްތަކުގައި، ރައްޔިތުންނަށް ލިބިދޭ ހަމަހަމަ ފުރުސަތުތަކާއި ހަމަހަމަ ހައްގުތަކުން ކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި އެ އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ތަންފީޒުކުރަން ފެށި ފަހުން، ގައުމަށާއި ރައްޔިތުންނަށް ލިބުނު މަންފާ ނުހަނު ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑިމޮކްރެސީގެ މައިގަނޑު މަގުސަދަކީ، ރައްޔިތުން ބާރުވެރިކުރުވުން ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށް، އެއްވެސް ކަމެއްގައި މިންތީ ތަފާތެއް ނުވަތަ އެނޫން ވެސް ތަފާތުކުރުމެއް ނުގެންގުޅުމަކީ ޑިމޮކްރަސީގެ މަގުސަދެއް ކަމަށެވެ.

ގައުމުހެ ކަންކަމުގައި ބަސް ބުނެ ހިޔު ފާޅުކުރުމުގައި ވެސް، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މިންތީ ހަމަހަމަކަން ގާއިމު ކުރުމަށް ކަމަށް ރައީސްގެ ހިތާބުގައިވެއެވެ.

"އެކަމަށްޓަކައި، މިދިޔަ ފަސް އަހަރުގެ ތެރޭގައި ގާނޫނީ އޮނިގަނޑަށް ގެނައި ބަދަލުތަކުން އެންމެ ހެޔޮ ނަތީޖާއެއް ފެންނަމުން އަންނަނީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުންނެވެ." ރައީސް ވިދާޅުވިއެވެ.