މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިއަދު އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނީ ރީ ރަޖިސްޓްރީ ވާން ހުޅުވާލާނީ ހުކުރު ދުވަހުގެ މެންދުރުފަހު 03:00 އިން ފެށިގެން މި މަހުގެ 17 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 04:00 ގެ ނިޔަލަށް ކަމަށެެވެ.

އީސީން ބުނީ މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ފުރަތަމަ ބުރުގައި ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ރަށަކަށް ނުވަތަ ތަނަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަނި ކަމަށެވެ.

ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓްގެ ޒަރިއްޔާއިންނާއި އެސްއެމްއެސްކޮށްގެން ޗެކްކުރެވޭނެއެވެ.

ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅަން ޖެހޭނީ އޮންލައިންކޮށް އީސީގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންނެވެ.

މާލޭގައިނަމަ، އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ. އަދި ރީ ރަޖިސްޓަރީވުމަށް އެދޭ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށް އެ ކޮމޝަނުން ބުންޏެވެ.

ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަން ޖެހެއެވެ. އަދި ފޯމު ހުށަހަޅާއިރު، އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރަންވާނެ ކަމަށް އީސީގެ އިއުލާނުގައިވެއެވެ.

ރަޖިސްޓަރީ ވުމަށް ފޯމު މެދުވެރިކޮށް ހުށަހަޅާނީ "ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ.

އީސީން ބުނީ ފޯމު ބަލައިގަނެވޭނީ ފޯމު ހިފައިގެން އަންނަ މީހާ އެފޯމަށް ޒިންމާވާ ގޮތަށް ކަމަށެވެ. އީމެއިލް އިން ސީދާ އީސީއަށް ފޮނުވާ ފޯމު ބަލައި ނުގަންނާނެ ކަމަށާއި އަމިއްލަ ފަރުދަކަށް އެއްފަހަރާ ހުށަހެޅޭނީ 10 ފޯމު ކަމަށް އީސީން ބުންޏެވެ.

އަދި ސިޔާސީ ޕާޓީއަކުން ނުވަތަ އެފަދަ އެހެން މުއައްސަސާއަކުން ޒިންމާވާގޮތަށް، އެތަނެއްގެ ރަސްމީ ސިޓީއަކާއެކު ފަހަރަކު ހުށައެޅޭނީ ފޯމުގައި އެތަނެއްގެ ތައްގަނޑު ޖަހާފައިވާ 100 ފޯމެވެ.

ރީ-ރަޖިސްޓަރީ ކުރުން ކުރިޔަށްދާނީ މާދަމާ އިން ފެށިެގްނ 17 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 04:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.