ސިއްހީ ދާއިރާ އަދި ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭގޮތުން މުހިންމު ނިންމެވުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
އެކަން ނިންމާފައިވަނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން މެޑިކަލް އޮފިސަރުންނާއި ނަރުހުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކުގެ އިތުރުން، ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތްދެވޭނެ މިންގަނޑާ ގުޅޭގޮތުން ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުން ހުށަހަޅުއްވާފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްފަހުއެވެ.
ރައީސް މި ނިންމެވުންތައް ނިންމަވާފައިވަނީ މި މައްސަލަތަކާ ގުޅިގެން ރައްޔިތުންނަށް ހިދުމަތްކުރުމުގެ މުހިންމު މަސައްކަތްތަކުގައި އުޅުއްވާ ޑޮކްޓަރުން، ނަރުހުން، އަދި ޓީޗަރުންނަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އެމަނިކުފާނަށް ގަބޫލުކުރެއްވޭތީ އާއި، ކުރިމަތިވަމުންދާ ދަތިތަކަށް ރިއާޔަތްކުރެއްވުމާ އެކު، އެ ދާއިރާތަކުގެ އެކި ބޭފުޅުންނާ މަޝްވަރާކުރައްވައި، އެ ބޭފުޅުންގެ ލަފަޔާ އިރުޝާދުގެވެސް މަތީން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މޭ މަހު ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން، ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން މެޑިކަލް އޮފިސަރުންނަށް އެޓެންޑަންސް އެލަވަންސް ނުލިބޭގޮތަށް އޮތް އޮތުން ބަދަލުކޮށް، މިނިސްޓްރީ އޮފް ފިނޭންސްއާ މަޝްވަރާ ކުރެއްވުމަށްފަހު، މެޑިކަލް އޮފިސަރުންނަށް މި އެލަވަންސް ލިބޭގޮތަށް ހަމަޖެއްސެވުމަށް ރައީސް ވަނީ ނިންމަވާފައެވެ.
ނަރުހުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން އައިޖީއެމްއެޗް ގައި މަސައްކަތްކުރާ ނަރުހުންގެ ފަރާތުން ލިބިފައިވާ ޕެޓިޝަން ދިރާސާކުރެއްވުމާއެކު، ސިވިލް ސާވިސް ކޮމިޝަނާއި މިނިސްޓްރީ އޮފް ފިނޭންސްއާ މަޝްވަރާ ކުރެއްވުމަށްފަހު، މި މައްސަލަތަކަށްވެސް ރައީސް ވަނީ ހައްލެއް ހޯއްދަވައިދެއްވާފައެވެ.
އެގޮތުން، ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރާނަމަ ނަރުހުންނަށް އެޓެންޑަންސް އެލަވަންސް ލިބޭނެ ގޮތަށް ހަމަޖެއްސެވުމާއި، ސިއްހީ ފަރުވާދޭ ތަންތަނުގައި މަސައްކަތްކުރާ ނަން-ކްލިނިކަލް ނަރުހުން، ކްލިނިކަލް ނަރުހުންނަށް ބަދަލުކުރުމަށް ވަނީ ނިންމަވާފައެވެ.
އަދި، މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އައު އޮނިގަނޑުގެ ދަށުން މަޤާމު ދަށްވާ ނަރުހުންގެ ތެރެއިން މަސައްކަތުގެ މަސްއޫލިއްޔަތަށް ބަދަލެއް ނާންނަ ނަރުހުންގެ މަގާމު ދަށްނުކޮށް ކުރިން ތިބި މަޤާމުގައި ބޭތިއްބުމަށްވެސް މިއަދު ވަނީ ނިންމަވާފައެވެ.
މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އައު އޮނިގަނޑުގެ ދަށުން މަގާމު ދަށްވާ ނަރުހުންގެ ތެރެއިން މަސައްކަތުގެ މަސްއޫލިއްޔަތަށް ބަދަލެއް ނާންނަ ނަރުހުންގެ މަގާމު ދަށްނުކޮށް ކުރިން ތިބި މަޤާމުގައި ބޭތިއްބުމަށް އުސޫލަށް ގެންނަންޖެހޭ ބަދަލު ޕޭ ކޮމިޝަނުން ގެންނެވުމުން އެ ނަރުހުންނަށް އިތުރަށް ކިޔެވުމަށް ޝަރުތު ކުރުމަށްފަހު ކުރިން ތިބި މަގާމަށް ބަދަލުކުރުމަށްވެސް ވަނީ ނިންމާފައެވެ.