ސައްޙަ އަދި ބާތިލް ވޯޓު ކަނޑައެޅުމުގައި އެކި މަރުކަޒުތަކުގައި ގެންގުޅޭ މިންގަނޑު ތަފާތު ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމުން) ބުނެފިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމުގެ ތެރެއިން ފާހަގަކުރެވުނު އިބްތިދާޢީ ހޯދުންތައް ހާމަކުރަމުން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ބައެއް މަރުކަޒުތަކުގައި ފަވާލާފައިވާ ހެޔޮ ފާހަގަ އާއި ސީދަލަށް ދެމިފައި ނުވާ ހެޔޮ ފާހަގަތައް އެއް ފާހަގައަށްވުރެ ގިނަ ހެޔޮ ފާހަގަކަމުގައި ކަނޑައަޅައި ބާތިލް ވޯޓުގެ ގޮތުގައި ގުނާފައި ވާއިރު، ބައެއް މަރުކަޒުތަކުގައި ހަމަ އެފަދަ ފާހަގަތައް ސައްޙަ ވޯޓުކަމުގައި ގުނާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި މިފަދަ ހާލަތްތަކުގައި، އެ މަރުކަޒުގައި ހާޒިރުވެ ތިބި ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުން އަދި އާންމުންގެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އެޗްއާރްސީއެމުން ބުންނެވެ.

މި އިންތިހާބުގައި 4،835 ވޯޓަކީ ބާތިލު ވޯޓުގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.

ކޮމިޝަނުން ބުނީ މަރުކަޒުތަކުގައި ހަރަކާތްތެރިވި ބައެއް އޮފިޝަލުން ވޯޓުލުމާ ގުޅޭ އިންތިޒާމުތައް އެންމެ ފުރިހަމައަށް ނޭނގޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގެ ސަބަބުން އެކި މަރުކަޒުތަކުގައި އޮފިޝަލުން އަމަލުކޮށްފައިވާ ގޮތުގައި ފަރަގު ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ——

ބައެއް މަރުކަޒުތަކުގައި ވޯޓުލުމަށްފަހު ކަނާއަތުގެ ޝަހާދަތް އިނގިލީގައި ފާހަގަޖެހުމާއި، އޮބްޒާވަރުންނާއި، މަންދޫބުންނާއި، މޮނިޓަރުންގެ ސުލޫކީ މިންގަނޑާ ހިލާފުވާ ހާލަތްތަކުގައި އެއްހަމައަކުން އަމަލުނުކުރުންވެސް ހިމެނޭ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.

މީގެ އިތުރުން، ވޯޓުލާން ފެށުމުގެ ކުރިން ހަމަޖައްސަންޖެހޭ އިންތިޒާމުތައް އެންމެ ރަގަޅަށް ސާފުވެފައި ނެތުމުން އެ އިންތިޒާމުތައް ހަމަޖެއްސުމަށް ގިނަ ވަގުތު ހޭދަވުމުން ގަޑިއަށް ވޯޓުލާން ނުފެށި ލަސްވެފައިވާކަންވެސް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

"15 މަރުކަޒެއްގައި 27 މީހަކަށް ވޯޓުލުމުގެ ފުރުސަތު ލިބިފައިނުވާކަން ފާހަގަކުރެވިފައިވާއިރު، ވޯޓުލުމުގެ ފުރުސަތު ލިބިފައިނުވަނީ އައިޑީ ކާޑުގެ މުއްދަތު ހަމަވެ، އިތުރު ލިޔެކިޔުމެއް ނެތުމާއި އަދި ކިއު ބަންދުކުރުމަށްފަހު ވޯޓުލާން އައުންފަދަ ސަބަބުތަކާ ހުރެކަން ފާހަގަކުރެވޭ" އެޗްއާރްސީއެމުން ބުންޏެވެ.

ކޮމިޝަނުން ބުނީ އެކަންތައްތަކަށް ދެވަނަ ބުރުގައި ހައްލުގެނައުމަށް މުހިންމު ކަންކަން އިންތިހާބުގެ ގައުމީ ލަފާ ދޭ ކޮމިޓީގައި ހިއްސާކޮށް އެކަންކަން ހައްލުކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާނެ ކަމަށެވެ.

އަދި އެކަންކަމަށް ހައްލު ގެނައުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުާނެކަން ފާހަގަކުރައްވާފައިވާ ކަމަށްވެސް ބުންޏެވެ.

އިންތިހާބުގެ ދެވަނަ ބުރުގައިވެސް އިންތިހާބީ މާހައުލަކީ، ނުފޫޒުން އެއްކިބާވެ، މިނިވަން އަދި ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދެވޭ އިންތިހާބެއް ބޭއްވޭނެފަދަ މާހައުލެއްތޯ ބެލުމަށްޓަކައި މަސައްކަތްކުރަމުންދާނެ ކަމުގައި އެ ކޮމިޝަނުން ބުންޏެވެ.