ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ ގުޅޭ ގޮތުން ބަހުސް ކުރަންޖެހޭ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު މިއަދު ވިދާޅުވެއްޖެއެވެ.
ޔާސިރު އެހެން ވިދާޅުވީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްގެ މެމްބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު، އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންނެވި ޔާސިރު މިއަދު ވިދާޅުވީ ގައުމު ސަލާމަތްކުރުމަށްޓަކާ ދެ ކަމެއް ކުރަންޖެހޭ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ ނިޒާމުގެ ބަހުސް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
ގައުމު ސަލާމަތްކުރުމަށްޓަކާ ކުރަންޖެހޭ ދެ ވަނަ ކަމަކީ ރާއްޖޭގެ ފޮރިން ޕޮލިސީ ބަދަލު ނުކުރެވޭނެ ގޮތަށް ދިގު މުއްދަތަކަށް ކަނޑައަޅަންޖެހޭ ކަމަށް ޔާސިރު ވިދާޅުވިއެވެ. އެކަން ކުރަންވީ ހުރިހާ ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގައި ހިމެނޭ ޒުވާން މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޔާސިރު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ގޯސްކޮށް ކަންތައްތަކެއް ކުރެވިއްޖެ ކަމަށާއި ކަމެއް ރަނގަޅު ކުރާނަމަ އެ ގޯސް ގަބޫލުކުރަންޖެހޭ ކަމަށެވެ. މިވެރިކަމުގައި ހެދުނީ ކޮން ގޯސްތަކެއް ކަމެއް ޔާސިރު ވިދާޅެއް ނުވެއެވެ.
އިންތިހާބުތަކަށް ނާޖައިޒު ނުފޫޒާއި ބާރު ފޯރުވާ ކަމަށް ބުނެ، މަޖިލީހަށް އިންތި މިއަދު ހުށަހެޅުއްވި ގަރާރަށް އިޝާރާތް ކުރައްވައި ޔާސިރު ވިދާޅުވީ "އަޅުގަނޑުމެންގެ ތެރެއިން ވެސް، އެކި އެކި ބޭފުޅުން އެކިއެކި ގޮތް ގޮތަކަށް އަމަލު ކުރައްވާފައިވާ،" ކަމަށެވެ.
"އެހެންނަމަވެސް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު ހަވާލުވެގެން ހުންނެވި މާލެ ސިޓީ ކައުންސިލުން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރަމުންދަނީ ކިހިނެތްތޯ؟ މިއީ އަޅުގަނޑު ހަމަ ޔަގީނުން ވެސް ސުވާލު އުފައްދާ ކަމެއް،" ޔާސިރު ވިދާޅުވިއެވެ.
"ބިންތައް ބަހަމުންދަނީ! މިއަދު ކިހިނެތްތޯ؟ ޕީޕީއެމްގެ ވެރިކަމުގައި ކަން ކުރި ގޮތް އަދި ބާއްވާ. ބާއްވާފައި މިއަދު އެ ހުންނެވި ކެންޑިޑޭޓް އަމަލު ކުރަމުންދަނީ ކިހިނެއްތޯ،"
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާމީ ބަހުސް ކުރަންޖެހޭ ކަމަށް ޔާސިރު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރައީސް މުހައްމަދު ނަޝީދުގެ ތާއިދަށް އެމްޑީޕީން ބޭނުންޖެހިފައިވަނިކޮށެވެ.