މިހާރު ކުރިއަށްދާ ޔޫރޯ ކޮލިފިކޭޝަނުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ކުޅުނު މެޗުގައި އެ ޓީމުން ލަކްސަމްބާގު ކޮޅަށް 9 ގޯލު ޖަހައިފިއެވެ.

ޕޯޗުގަލްގައި ރޭ ކުޅުނު އެ މެޗުން ހޯމް ޓީމުން ކުރި ހޯދީ 0-9 ގެ ނަތީޖާއަކުންނެވެ. އެ މޮޅާއެކު ޔޫރޯ ކޮލިފިކޭޝަން ތާވަލުގެ އެއްވަނައިގައި ޕޯޗުގަލުން ވަނީ ލީޑު ފުޅާކޮށްފައެވެ. އެ ޓީމުން މިހާތަނަށް ކުޅުނު ފަސް މެޗުންވެސް މޮޅުވެގެން 18 ޕޮއިންޓް ހޯދާފައިވާއިރު، އެ ގުރޫޕުގެ ދެވަނައިގައި އޮތީ 13 ޕޮއިންޓް ހޯދި ސްލޮވޭކިއާއެވެ. ތިންވަނައިގައި 10 ޕޮއިންޓާއެކު އޮތީ ރޭގެ މެޗުގައި ޕޯޗުގަލްގެ އަތުން ބަލިވި ލަކްސަމްބާގްއެވެ.

ރޭގެ މެޗުގައި ޕޯޗުގަލްގެ ތަރި ރޮނާލްޑޯ ސަސްޕެންޝަނުގެ ސަބަބުން ކުޅެފައެއް ނުވެއެވެ. ސްލޮވޭކިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރީންދޫ ކާޑާއެކު ރޭގެ މެޗު ރޮނާލްޑޯއަށް ގެއްލުނު އިރު، އޭނާއަކީ ލަކްސަމްބާގް ކޮޅަށް ކުރިން 11 ލަނޑު ޖަހާފައިވާ ކުޅުންތެރިއެކެވެ. ރޮނާލްޑޯ ބައިނަލް އަގުވާމީ މައިދާނުގައި އެންމެ ގިނަ ލަނޑު ޖެހި ޓީމަކީވެސް އެއީއެވެ.

ރޭގެ މެޗު ފަށައިގެން ޕޯޗުގަލުން ވަރުގަދަ ކުޅުމެއް ދެއްކި އިރު، 12 ވަނަ މިނަޓުގައި އެ ޓީމަށް ގޯލު ހުޅުވާދިނީ ގޮންޒާލޯ އިނާސިއޯއެވެ. އޭގެ އިރަކޮޅެއް ފަހުން ގޮންޒާލޯ ރަމޮސް ވަނީ ޕޯޗުގަލްގެ ލީޑު ފުޅާކޮށްދީފައެވެ. އެ ހާފުގައި ރަމޮސް އަދި އިނާސިއޯ ވެސް ވަނީ އިތުރު ލަނޑެއް ޖަހައި ހަތަރު ގޯލުގެ ލީޑެއް ޕޯޗުގަލްއަށް ހޯދައިދީފައެވެ.

ދެވަނަ ހާފުގައި ޕޯޗުގަލުން ވަނީ އިތުރު ފަސް ގޯލު ޖަހައިފައެވެ. 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ޕޯޗުގަލަށް ދެވަނަ ހާފުގައި ލަނޑުތައް ޖަހައިދިނީ ޑިއޭގޯ ޖޮޓާ، ރިކާޑޯ ހޯޓާ އަދި ބުރޫނޯ ފަނަންޑޭޝްގެ އިތުރުން ޔާއޯ ފީލިކްސްއެވެ. ޖޮޓާ ވަނީ އެ ހާފުގައި ޕޯޗުގަލަށް ދެ ގޯލު ޖަހައިދީފައެވެ.