މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް އެންތޮނީ އޭނާގެ ކުރީގެ ލޯބިވެރިޔާއަށް ގެވެށި އަނިޔާ ދިންކަމަށް ކުރާ ތުހުއްމަތުތަކާއެކު އެންމެ ފަހުން ޔުނައިޓެޑުން އޭނާ މުއްދަތެއް ނެތްގޮތަށް ސަސްޕެންޑް ކޮށްފިއެވެ.
ޔުނައިޓެޑުގެ ވިންގަށް ކުޅެމުން އަންނަ އެންތޮނީ، އޭނާގެ ކުރީގެ ލޯބިވެރިޔާއަށް ގެވެށި އަނިޔާދިން މައްސަލައެއް ބްރެޒިލް އާއި އިނގިރޭސި ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ތަކުރާރުކޮށް އެންތޮނީ އޭނަގެ އޭރުގެ ލޯބިވެރިޔާ ގެބްރިއެއްލާ ކެވަލިންއަށް ގެވެށި އަނިޔާދިންކަމަށް ބުނެ އެ އަންހެން މީހާ ވަނީ މައްސަލަ ފުލުހަށް ރިޕޯޓްކޮށްފައެވެ.
އެ މައްސަލަ ޔުނައިޓެޑްގެ ސަމާލުކަމަށް އައިސްފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. އަދި އެ މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި، އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް އެކުލަބުން ބުނެފައިވާ އިރު، މިފަހުން ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނީ އެންތޮނީ މިވަގުތަށް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި އެންތޮނީވެސް ވަނީ ޔުނައިޓެޑުން ނިންމާފައިވާ ނިންމުމަށް އިހުތިރާމް ކުރާކަމަށް ބުނެ، އޭނާގެ ކުށެއް ނެތްކަން ހާމަކުރާނެ ކަމަށް ސޯޝަލް މީޑިއާގައި ބުނެފައެވެ.
ގެބްރިއެއްލާއަށް ލިބިފައިވާ ބައެއް އަނިޔާތަށް ކަމަށް ބުނެ ފޮޓޯތައްވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، އެންތޮނީ ވަނީ އެ ތުހުއްމަތުތައް ދޮގޮކޮށްފައެވެ. އޭނާ ބުނީ އަނގަބަހުން ހޫން ބަހުގެ ހަމަލާތަކެއް ދެމެދުގައި ހިނގި ނަމަވެސް ގަޔަށް އަތްލައި އެއްވެސް ކަހަލަ އަނިޔާއެއް ދީފައި ނުވާނެ ކަމަށާއި، މައްސަލަ ތަހުގީގު ކުރުމުން އެކަން ވަރަށް ސާފުކޮށް އެނގިގެންދާނެ ކަމަށެވެ.
ގެބްރިިއެއްލާގެ އިތުރުން އިތުރު ދެ އަންހެނަކު ވެސް ވަނީ އެންތޮނީގެ ގެވެށި އަނިޔާ ލިބުނު ކަމަށް ސޯޝަލް މީޑިއާގައި މިފަހުން ވާހަކަ ދައްކައިފައެވެ. އެގޮތުން ބްރެޒިލުން އިނގިރޭސިވިލާތަށް ދަތުރު ކުރި އަންހެނަކަށް އެންތޮނީ މެސެޖްކޮށްގެން އޭނަ ހުރި ހޮޓަލަށް ގޮސް ގަދަކަމުން ގުޅުންހިންގަން މަސައްކަތް ކުރި ކަމަށް އެތަނުން އެކަކު ބުނެފައިވާ އިރު، އެ ހުރިހާ ކަމަކަށް އެންތޮނީ އަންނަނީ ދެކޮޅު ހަދަމުންނެވެ.
އެންތޮނީއަށް ގެވެށި އަނިޔާގެ ތުހުއްމަތުތައް ކުރެވިފައިވާ އިރު، މިދިޔަ އަހަރު ޔުނައިޓެޑަށް ކުޅުނު މޭސަން ގްރީންވުޑަށް ވެސް ވަނީ އެފަދަ ސީރިއަސް ތުހުއްމަތުތަކެއްކޮށް، މައްސަލަ ބަލައި ފިޔަވަޅު އަޅަައިފައެވެ. އެކަމަކު މިއަހަރުގެ ތެރޭގައި ގްރީންވުޑާ ދެކޮޅަށް ކުރި ދައުވާތައް އަނބުރާ ކޯޓުން ގެންދިއުމާއެކު އޭނާ ވަނީ މިނިވަންވެފައެވެ. ގްރީންވުޑް ފުޓުބޯޅައިގައި ދުރުގައި ދޮޅު އަހަރެއްހާ ދުވަސް ހުރުމަށްފަހު މިފަހުން ވަނީ ސްޕެއިނުގެ ގެޓާފޭއަށް ލޯނު އެއްބަސްވުމެެއްގެ ދަށުން ގުޅިފައެވެ.