ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް މާލޭގެ މެޖޯރިޓީ ނުލިބުނީ ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުވުމުން ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އާއްމު ގޮތެއްގައި އެމްޑީޕީން އިންތިހާބުތަކުގައި މެޖޯރިޓީ ނަގަމުން އަންނަ މާލެ އާއި ކުޅުދުއްފުށި ސިޓީތަކުން މި ފަހަރު ކުރި ހޯދީ ޕީއެންސީގެ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒެވެ.
ރައީސްގެ ކެމްޕެއިންގެ މައި އިދާރާ ހިންގާ "ސޯލްޓް ކެފޭ" ހިންގާ އިމާރާތުން ރޭ ނުކުތް ވަގުތު "ހަތާވީހުން" ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އާއްމު ގޮތެއްގައި މާލެ ސަރަހައްދަކީ އާއްމު ގޮތެއްގައި ވޯޓުލާން 85 ޕަސެންޓް މީހުން ނުކުންނަ، ސިޓީއެއް ކަމަށާއި މި ފަހަރު ވޯޓުލާން ނުކުތީ 55 ޕަސެންޓް މީހުން ކަމަށެވެ.
"އޭގެ އެބަހުރި ޓާން އައުޓް ދަށްވެފައި ވަރަށް ބޮޑަށް،" އެމަނިކުފާނު ވިދާޅުވި އެކި ސަބަބުތަކާއި ހެދި ކޮންމެ ފޮށްޓަކުންވެސް އެމްޑީޕީއަށް ލިބެންޖެހޭ 150 ވޯޓު ނުނެރެވުނު ސަބަބަކީ ޓާން އައުޓް ދަށްވުން ކަމަށެވެ.
އެންމެ އާބާދީ ބޮޑު، މާލޭ ސިޓީން މެޖޯރިޓީ ނެގީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 46 ޕަސެންޓް ވޯޓެވެ. އަދި ރައީސަށް ލިބިވަޑައިގެންނެވީ 34 ޕަސެންޓް ވޯޓެވެ.
ދެ ވަނަ ބުރެއްގައި އެކަން މިހާރަށްވުރެ ރަނގަޅުކުރުމުން ޓާން އައުޓް މަތިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ފަހަރުގެ އިންތިހާބުގައި ވޯޓު ލިބުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ވޯޓުލާފައިވަނީ %79.43 މީހުންނެވެ.